“އަޅުގަނޑުމެންނަކީ ޖަލުތަކުގައި ތިބި ޤައިދީން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނެރެދިނުމުގެ ޤާނޫނީ ވާޖިބު އަދާ ކުރާބައެއް” ކޮމިޝަނަރ

އަޅުގަނޑުމެންނަކީ ޖަލުތަކުގައި ތިބި ޤައިދީން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނެރެދިނުމުގެ ޤާނޫނީ ވާޖިބު އަދާކުރާ ބައެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެރޭ މާފުށީ ޖަލުގައި ބޭއްވި ޖަލު އޮފިސަރުން ހުވާކުރުމުގެ 3 ވަނަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އެމަނިކުފާނު ވިދާޅުވީ ޖަލުތަކުގައި ތިބި ޤައިދީން އަނބުރާ މުޖުތަމަޢުއަށް ނެރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޖަލުތަކުގައި ތިބި ޤައިދީންނަށް ހިންގަންޖެހޭ ކްލާސްތަކާއި ދަސްކޮށްދޭންޖެހޭ ވަރަށް ގިނަ މަސައްކަތް ތަކެއް އެބަހުރިކަމަށެވެ.

ޤައިދީން ރިހެބިލިޓޭޓް ކުރުމަށްޓަކައި މިހާރު ކުރިއަށް ގެންދާ ކަންތައްތަކަށް އިޝާރާތް ކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ޕެސްޓް އެންޑް ޑިޒީޒް ކޮންޓްރޯލް އާއި ބެހޭގޮތުން 19 ޤައިދީއަކަށާއި ދެ އޮފިސަރުންނަށް 01 ޑިސެމްބަރ 2014 އިން 05 ޑިސެމްބަރ 2014 ގެ ނިޔަލަށް ވާނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިކަމަށެވެ.

ޙުކުމް ތަންފީޒް ކުރަމުންގެންދާ ކުޑަކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމް 30 ޑިސެމްބަރ 2014 ގައި ފަށައިގެން މިހާރުވެސް ކުރިއަށް ގެންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންގެންދާ ފިރިހެން ޤައިދީންނަށް އަމާޒުކޮށްގެން ބޭސިކް ފަހާ ކޯހެއް 03 ޖެނުއަރީ 2015 ގައި ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި، މި ކޯހުގައި 10 ޤައިދީއަކު ބައިވެރިވެފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޤައިދީންނަށް އަތްތެރި މަސައްކަތް ދަސްކޮށްދިނުމުގެ ގޮތުން ލިޔެލާޖެހުމާއި، ސެޓްފިކެޓް ލެވެލް 3،2،1، ކޯސްތަކެއް 1 އަހަރު ދުވަހުގެ މުއްދަތަށް މިހާރުވެސް ކުރިއަށް އެބަ ގެންދާ ކަމަށާއި، މި ކޯހުގައި 20 ޤައިދީންނާއި 2 އޮފިސަރަކު ބައިވެރި ވެފައިވާކަމަށް ކޮމިޝަނަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޤައިދީންނަށް އަތްތެރި މަސައްކަތް ދަސްކޮށްދިނުމުގެ ގޮތުން ކުދި ދޯނި ހެދުމުގެ ކުރު ކޯހެއް ހިންގާފައިވާކަމަށާއި، 8 ނޮވެމްބަރ 2014 ން 10 ނޮވެމްބަރ 2014 އަށް 23 ޤައިދީއަކު މި ކޯސް ފުރިހަމަ ކޮށްފައިވާކަމަށާއި، ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓްގެ ފަރާތުން ސެޓްފިކެޓް ލެވެލް 4،3،2،1 ގެ ކޮމްޕިއުޓަރ ކޯސްތައް ވާނީ ފަށާފައި ކަމަށާއި، މި ކޯސްތަކުގެ ތެރެއިން ސެޓްފިކެޓް ލެވެލް 1 ގެ ކޯސް މިހާރުވެސް 108 ޤައިދީ އަކު ފުރިހަމަ ކޮށްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އަންހެން ޤައިދީންނަށް އަމާޒުކޮށްގެން އަތްތެރި މަސައްކަތް ދަސްކޮށްދިނުމުގެ ގޮތުން ވޫލުން ވިޔަން ދަސްކޮށްދޭ ކޯހެއް ފަށައިގެން ކުރިއަށް ގެންދާކަމަށާއި މި ކޯހުގައި 10 ޤައިދީއަކު ބައިވެރިވެ، ކޯސް ފުރިހަމަ ކޮށްފައިވާކަމަށް ކޮމިޝަނަރގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

ޤައިދީންނަށް ކީރިތި ޤްރުއާން ކިޔަވައިދީ، ދަސްކޮށްދިނުމުގެ ގޮތުން ދެއަހަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދާކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ޤާރީ ކޯސް ސެޓްފިކެޓް ލެވެލް އެކެއް މިހާރުވެސް 25 ޤައިދީން ވަނީ ފުރިހަމަކޮށްފައިކަމަށް ކޮމިޝަނަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މާހަދަން ދަސްކޮށްދޭ ކޯހެއް 10 ޤައިދީއަކު ފުރިހަމަ ކޮށްފައިވާކަމަށާއި، ޤްރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ނޮވެމްބަރ 2014 ގައި ފަށައިގެން ކުރިއަށް ގެންދާކަމަށާއި، އިސްލާމް ދީނުގެ އަސާސްތައް އުނގަންނައި ދިނުމުގެ ކްލާސްތައް ވެސް ފަށައިގެން ކުރިއަށް ގެންދާކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ އަޅުގަނޑުމެން ހަމައެކަނި ޤައިދީން ޖަލުތަކުގެ ތެރޭގައި ބަންދުކޮށްގެން ބައިތިއްބަނީ ނޫންކަމާއި، އެމީހުން ރިހެބިލިޓޭޓް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.