އަޅުގަނޑުމެން މިތިބީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރައްވާ ހުރިހާ މަސައްކަތް ތަކުގައި އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް މިހެން ވިދާޅުވީ އިއްޔެ ހެނދުނު ޕޮލިސް އެކަޑަމީގެ ފަރާތުން ޕްރިޒަން އެކަޑަމީ އާއި ގުޅިގެން މާފުށީ ޖަލުގައި ބޭއްވި އޭ.އެސް.އާރ ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅު ގައެވެ. ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ އުނގެނުމުގެ ދާއިރާ ކަމުގައިވިޔަސް އަދި ގަވައިދެއް ހެދި ކަމުގައި ވިޔަސް އަދި އެނޫން އެހެންކަމެއް ކަމުގައި ވިޔަސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދެވެންއޮތް އެންމެ މަތީދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިދަނީ އެ އެހީތެރިކަން ފޯރުކޮށްދެއްވަމުން ކަމަށާއި އަދި ކުރިއަށް އޮތްތާންގައިވެސް ހަމަ އެ އެހީތެރިކަން ދެއްވާނެކަމަށެވެ.
މިހާރުވެސް ލޯ އެންފޯސްމަންޓް ދާއިރާގައި ޔުނީފޯރމް ދެ މުއައްސަސާ އެބައޮތް ކަމަށާއި، ގަވައިދުތައް ހަދާއިރުވެސް މި ދެތަނުގެ ގަވާއިދު ތަކުގައި ހުރި ރަނގަޅު ކަންތައްތައް ހިމަނައިގެން ގަވައިދުތައް ބައްޓަން ކުރެއްވުމުން ރަނގަޅުވާނެކަމަށާއި އެއީ ތިބޭފުޅުން މަސައްކަތް ކުރައްވާއިރު ރޫހުގައި މަސައްކަތް ކުރެއްވުމަށް ލިބޭނެ ފުރުޞަތަކަށް ވެގެން ދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ “ލޯ އެންފޯސްމަންޓް” ދާއިރާގެ ވަޒީފާ އަކީ ވަރަށް “ސްޓްރެސްފުލް” ވަޒީފާއެއްކަމަށާއި މަސައްކަތުގެ ވެށީގައި ދިމާވާ ކަންތައްތަކުގައި ކެތްތެރިކަމާއި އެކު ތިއްބެވުމަށެވެ. އަދި ތަފާތު ކަންތައްތައް ދިމާވާނެ ކަމަށާއި މިފަދަ ހުރިހައި ކަމަކަށްވެސް ކެތްތެރިކަން އިސްކުރަން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިގް އިލްތިމާސް ކުރެއްވިއެވެ. އަދި މަސައްކަތް ކުރައްވާއިރު ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރެއްވުމަކީ އެންމެ މުހިންމު ކަންތައް ކަމަށާއި ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރެއްވުމަށް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދިގެން އައިގޮތަށާއި އެދުވަސްވަރު މަސައްކަތް ކުރައްވަން ޖެހުނު ގޮތްތަކާއި ދިމާވި ބައެއް ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބަދަލުވަމުންދާ ދުނިޔޭގައި ލޯ އެންފޯސްމަންޓް ދާއިރާގެ މި މުއައްސަސާގައި އިންސާނީ ވަސީލަތް ޤާއިމް ކުރެއްވުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
“އެހެންވީމާ ޤަބޫލުކުރައްވާ މޯލްޑިވްސް ޕޮލިސް ސަރވިސް އޮތީ ތިބޭފުޅުންގެ ބެކަޕްއަކަށް، ތިބޭފުޅުންނާއި ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް” ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިގު ވިދާޅުވިއެވެ.