މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަބަދުވެސް އޮންނާނީ ތައްޔާރީ ހާލަތުގައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އަބަދުވެސް އޮންނާނީ ތައްޔާރީ ޙާލަތުގައެވެ. ދިމާވާ ކޮންމެ ކަމެއްގައި ފަސްނުޖެހި ޤައުމީ ޚިދުމަތް އަދާކުރުންމަތީ ސާބިތުވެއެވެ. ޤާނޫނުން މަތިކޮށްފައިވާ ކަންތައްތައް އަދާކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކިގެންނެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިސް ކަމެއްގެ ގޮތުގައި ކުރެވިފައިވަނީ ޖަލުތައްބަލަހައްޓާނެ ގޮތުގެ ހުނަރު އިތުރުކޮށް މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމާއި ޖަލުގައި އިންސާނީ ވަސީލަތް ޤާއިމް ކުރުމެވެ. އެގޮތުން މިހާރު ޖަލުތަކުގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ޖަލުބެލެހެއްޓުމުގެ ތަމްރީނު ހަދާފައިތިބި އޮފިސަރުންނެވެ.

ESG

އަދި މި ތަމްރީނު ތަކުގެ ތެރެއިން ރާއްޖޭގެ ޖަލުގެ ނިޒާމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ، ޖަލުތަކުގައި މަސައްކަތް ކުރުމަށް އިމަޖެންސީ ސަޕޯރޓް ގްރޫޕެއް އުފެއްދުމެވެ. އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) އުފެއްދުމާއެކު ޖަލުތަކުގެ ގެއްލިފައިވާ ކޮންޓްރޯލް ޖަލު ބަލަހައްޓާ ފަރާތްތަކަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި ޖަލުބަލަހައްޓާ ފަރާތް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު އެންމެ މުހިންމު އެއްފިޔަވަޅަކީވެސް އީ.އެސް.ޖީ އުފެއްދުމެވެ.

ESG2

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ހާއްސަ ތަމްރީނުތަކެއް މިހާރު ފެށިގެން ކުރިއަށް ގެންދަން ފަށައިފިއެވެ. މި ތަމްރީނުތަކުގައި ކްރައުޑް ކޮންޓްރޯލް ކުރާގޮތާއި އަދި އިމަޖެންސީ އެކިއެކި ހާލަތް ތަކުގައި މަސައްކަތް ކުރާނެގޮތުގެ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.

އިމަޖެންސީ ސަޕޯރޓް ގްރޫޕް ވުޖޫދުވެ، 7  އަހަރު ދުވަސް ވެފައިވާއިރު ވަނީ ވަރަށްބޮޑެތި ކުރިއެރުންތަކެއް ޙާޞިލް ކޮށްފައެވެ. އަދި ވަރަށް ގިނަ ތަޖުރިބާތަކެއްވެސް ވަނީ ކުރެވިފައެވެ. ރާއްޖޭގެ ޖަލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައި، އެކި ދުވަސްވަރުގައި ކެތްތެރިކަމާއި ހިތްވަރު ވަނީ ދައްކާފައެވެ. އީ.އެސް.ޖީ އަކީ ރަނގަޅު ބިންގަލެއްގެ މަތީގައި ބިނާކުރެވިފައިވާ ރަނގަޅު ބިނާއެއްކަން ވަނީ ސާބިތުކޮށްދީފައެވެ. އެކިދުވަސްވަރު އެކިފަރާތްތަކުގެ ނުފޫޒު އީ.އެސް.ޖީ ގެ އެތެރެއަށް ވެއްދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ނަމަވެސް އެ ހަރުފަތްތައް ގިރާކޮށް މިއަދު މިދެކޭ އީ.އެސް.ޖީ، ޓީމެއްގެ ގޮތުގައި ފޯރމްވެފައި އޮތުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު އެކަމާއި ފަޚުރުވެރިވާނެ ކަމެއްކަމާއިމެދު ޝައްކެއް ނެތެވެ.