އެންޓި ޓޯޗަރގެ ގާނޫނާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ހިންގާ ޙާއްޞަ ތަމްރީން ޕްރޮގްރާމެއް ފައްޓަވައިގެން ކުރިއަށް އެބަގެންދަވައެވެ.
މި ޕްރޮގަރާމަކީ އެންޓި ޓޯޗަރގެ ގާނޫނާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކުރުވުމަށް ހިއުމަން ރިސޯސް ސެކްޝަނާއި ޕްރިޒްން އެކަޑަމީގެ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންނަށް ޙާއްޞަކޮށްގެން ހިންގޭ މި ޕްރޮގްރާމުގެ އެންމެ ފުރަތަމަބުރު ފަށާފައިވަނީ 16 މެއި 2015 ގައި އައްސޭރި ޖަލުގައެވެ. މި ޕްރޮގްރާމުގައި އެންޓި ޓޯޗަރއަކީ ކޮބައިކަމާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ޕްރިޒަން އޮފިސަރުންނަށާއި ކުއްވެރިންނަށް ލިބިދީފައިވާ ބާރުތަކާއި ހައްޤުތަކުގެ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި މީގެ އިތުރުން ޤާނޫނުގެ ދަށުން އެކުލަވާލަމުންދާ ޑިސިޕްލިނަރީ ނިޒާމުގެ މަޢުލޫމާތުވެސް ހިއްސާކުރެވި އެކަންތައްތަކާއިމެދު ހޭލުންތެރިކުރެވޭނެއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލީގަލް ސަރވިސްގެ ފަރާތުން ސީނިއަރ ލީގަލް އޮފިސަރ ޢަބްދުﷲ ޒާހިރާއި އެސިސްޓެންޓް ލީގަލް އޮފިސަރ އިސްމާޢީލް ސުޢޫދުއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން އެންޓި ޓޯޗަރގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި ފަށާފައިވާ މި ޕްރޮގްރާމު ހުރިހާޖަލެއްގެ އިތުރުން ހެޑްއޮފީހުގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި މުވައްޒަފުންނަށްވެސް ހިންގަވާނެކަމަށް ޕްރިޒަން އެކަޑަމީން މަޢުލޫމާތު ދެއްވައެވެ.