ޖަލުތަކުގައި ހިންގި ކޯސްތަކަށް ސެޓްފިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ. އިއްޔެ ހަވީރު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަޙްމަދު ނިހާނު ޙަސަން މަނިކު އެވެ.
މި ރަސްމިއްޔާތުގައި ތަފާތު ހަ ކޯހަކުން 71 ޤައިދީން ސެޓްފިކެޓް ހާސިލް ކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލްކުރި ކޯސްތަކަކީ “ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން، ޕެސްޓް އެންޑް ޑިޒީޒް ކޮންޓްރޯލް ކޯސް، ވުޑް ކާވިންގ ކޯސް ލެވެލް 1، ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1، ސްޓޮކިންގ ފްލާވަރ ވޯރކްޝޮޕް އަދި ކުދި ދޯނިހަދަން ދަސްކޮށްދިނުން” ފަދަ ކޯސްތަކެވެ.
މި ކޯސްތަކުގެ ސަބަބުން ޤައިދީންނަށް ތަފާތު މަސައްކަތްތައް ދަސްވެގެން ދިޔަކަމަށް ކޯހުގެ ބައިވެރިން ބުނެފައިވެއެވެ. އަދި މިފަދަ ކޯސްތައް އިތުރަށް ކުރިއަށް ގެންދިއުމަކީ ޤައިދީންގެ ފަރާތުން ވަރަށް ބޮޑަށް ބޭނުންވާކަމެެއްކަން ވަނީ ހާމަ ކޮށްފައެވެ.
ޖަލުތަކުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރުވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. އަދި ޤައިދީންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ކުރިއަށްވުރެން ބޮޑަށް ވަނީ ރަނގަޅުވެފައެވެ. އަދި ޤައިދީންނަށް ހިންގާ ކޯސްތައް އިތުރުވެފައިވާއިރު މިހާރުވެސް ޖަލުތަކުގައި ތަފާތު ކޯސްތަކާއި ވޯކްޝޮޕްތައް، ތަފާތު ފަރާތްތަކުގެ ދީލަތި އެހީފުޅު ތަކާއިއެކު ކުރިއަށް އެބަގެންދެއެވެ.