މާފުށީ ޖަލުގައި ޤާރީ ލެވެލްގެ ދެ ކޯސް ފަށައިފި

އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުންނަ އާާއި ގުޅިގެން މާފުށީ ޖަލުގައި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ފަރާތުން ޤާރީ ލެވެލްގެ ދެ ކޯސް މިއަދު ފަށައިފިއެވެ.

މާފުށީ ޖަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދެކޯހުގެ ތެރެއިން “ޤާރީ ކޯސް ލެވެލް 1″ ގައި ބައިވެރިވެފައިވަނީ 28 ޤައިދީންނެވެ. މި ކޯހަކީ ދެމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އަދި “ޤާރީ ކޯސް ލެވެލް 2″ ގައި ބައިވެރި ވެފައިވަނީ 16 ޤައިދީންނެވެ. މިކޯހަކީ 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

މި ކޯސްތަކަކީ ޖަލުގައި ތިބި ޤައިދީންގެ ތެރެއިން، ޤުރުއާން ކިޔަވައިދޭން ދަސްކޮށް ދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ކޯސްތަކެއްކަމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން މައުލޫމާތު ދެއްވިއެވެ.

ޤައިދީން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުންނަ ގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން ދެެއެވެ. އެގޮތުން “ހިފްސް” (ޤްރުއާން ހިތުދަސްކުރާ) ކްލާސްތަކާއި ޤުރުއާން ބޭސިކް ކްލާސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

އަދި ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް އަޙްމަދު ނިހާން ހުސައިން މަނިކު ވަނީ ޖަލުގައި ތިބި ޤައިދީންނަށް ޤްރުއާން ކޯހެއް ހިންގުމަށްޓަކައި ފައިސާގެ އެހީއެއްވެދެއްވާފައެވެ.