މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ގެ ދެވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ދެވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި  ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. 

މި ކޯހުގެ 19 ބައިވެރިން ވަނީ މި ކޯސް ފުރިހަމަކޮށްފައެވެ.  

މި ކޯސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ދިނުން ހިމެނުނެވެ. އެގޮތުން މި ޕްރޮގްރާމްގެ “ބެސްޓް އޯލް ރައުންޑް” އަށް ޕްރިޒަން ޕްރައިވެޓް އިބްރާހިމް އައިހަމް ޢަބްދުﷲ ހޮވިފައިވާއިރު، ޕްރޮގްރާމްގެ “ފިޓަސްޓް ފިރިހެން” އޮފިސަރަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ނިޝާމު ޢަބްދުލްބާރީއެވެ. ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެއްވޭ އޮފިސަރަށް ޕްރިޒަން ޕްރައިވެޓް ޝާމް މުޙައްމަދު ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޙަސަން ފަރީޙް މުޙައްމަދުއެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” ށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މޫސާ ނަސީމްއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވެ، ޕްރިޒަން އޮފިސަރުންގެ ހުވާ ކުރެއްވި ހުރިހާ އޮފިސަރުންނަށް މަރުޙަބާ ދަންނަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ކަރެކްޝަންސްއަކީ ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މުވައްސަސާއެއް ކަމަށެވެ. ދަސްވެނިންނަށް ލިބުނު ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ކުރާ ހުވާގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި އެ ހުވާގެ މަތީގައި ދެމި ތިބެ، ޔުނީފޯރމް ވިއްކާ ނުލުމަށާއި ސީނިއަރ އޮފިސަރުންގެ އިރުޝާދާއި ތަޖުރިބާގެ ބޭނުން ހިފުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ލޯބި އަށަގަނަވުމަށް މަސައްކަތްކުރުމަށާއި އެ ކަމަގައި ސާބިތުވެ ދެމިތިބުމަށް ކޮމިޝަނަރ ނަސޭހަތްތެރިވެލެއްވިއެވެ.