ކަރެކްޝަންސްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ރޭ އިފްތިތާޙްކޮށްފިއެވެ.

މި ތިން މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙުސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކަރެކްޝަންސްގެ އެގްޒަކަޓިވް އަދި ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުން އަދި ދަޢުވަތު އެރުއްވި މެޙެމާނުން ބައިވެރިވެލެއްވިއެވެ.

ރޭ އިފްތިތާޙުކުރެވުނު ތިން މަޝްރޫޢުއަކީވެސް މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެވެ. އެގޮތުން މި ސަރިވސްގެ ސްޓްރެޖީޓިކް އެކްޝަން ޕްލޭން، ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫ.އެން.އޯ.ޑީ.ސީ (UNODC) ގެ ފަންނީ އެހީތެރިކަން ލިބިގެން ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ. މިޕްލޭނާ އެއްގޮތަށްމި ސަރވިސްގެ މަސައްކަތްތައް ތަރުތީބުވެގެން ދިއުމުން ލިބިގެންދާނެ ފައިދާތަކަކީ، ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދިއުމާއި އަދި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބިގެންދިއުމެވެ.

ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްއަކީވެސް UNODC ގެ ފުރިހަމަ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގެ ސަބަބުން މި ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ މައުލޫމާތުތައް މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމަށް ގާއިމުކުރެވޭ މި ޑިޖިޓަލް ނިޒާމުގެ ސަބަބުން، ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ހުރިހާ މަޢުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުރުމާއެކު، މަޢުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޙިދުމަތް ފަދަ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވެގެން ދާނެއެވެ. އަދި މި ނިޒާމުގެ ތެރެއިން ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް އަދި ޕަރސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެއެވެ.

އަދި “މައިއެމްސީއެސް” ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީ-ސަރވިސް ޕޯރޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯރޓަލްއެކެވެ. “މައިއެމްސީއެސް” ޕޯރޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށްފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ  ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވުމުން، އިދާރީގޮތުން ކުރާންޖެހޭ މަސައްކަތްތައް އަވަސްވެގެންދާނެއެވެ. އަދިޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޕޯޓަލަކީ ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސް (AI) ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކޮށްފައިވާ ނިޒާމެކެވެ. މިއީ މި ސަރވިސްގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ތައްޔާރުކޮށްފައިވާ ޕޯރޓަލްއެކެވެ. މި ޕޯރޓަލް އާންމުނަށް ހުޅުވާލެވޭނީ މި މަހުގެ ފަހުކޮޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙުސާން ވިދާޅުވީ، މިއީ މި މުވައްސަސާގެ ދިގު ބުރަ ތާރީޚުގައި ވިޝަން އެއް ރިއަލިޓީއަކަށް ހެދުމަށްޓަކައި ސޮފްހާތަކެއްގައި ލިޔެވިގެންދާ ދުވަހެއްކަމަށާއި އަމާޒުތަކެއް ކަނޑައެޅި، އެ އަމާޒުތައް ވާސިލްކުރުމަށް މަގުތަކެއް ލިޔެވިގެންދާ ދުވަހެއް ކަމަށާއި މި މުވައްސަސާއިން ހޯދާނެ ކާމިޔާބީތައް ހޯދަމުންދާއިރު، އެ މެޝަރކުރެވޭނެ ގޮތްތަކެއް ލިޔެވިގެންދާ ދުވަހެއް ކަމަށެވެ. އަދި އެމްސީއެސްގެ ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުމުން، އެމްސީއެސްގެ ލީޑަރޝިޕްއަށާއި އެންމެހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވަމުން ފާހަގަކުރެއްވީ، މިއީ ފުރަތަމަ ސްޓެޕް ކަމަށާއި ދެން އޮންނާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތައް 100 ޕަސަންޓްގައި ޑެލިވަރކުރުން ކަމަށާއި، އެކަން ކާމިޔާބުކުރާނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާއި ބަންދުމީހުންގެ ޕަރސަނަލް ފައިލްތަކާއި މެޑިކަލް ރެކޯރޑްތަކާއި މޫވްމަންޓްތަކާއިއެހެނިހެން މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުވައްސަސާ ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެކިކަމަށެވެ. މައިއެމްސީއެސް ޕޯރޓަލްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިއްޔެ ހެނދުނު ހުޅުވުނު އެމްސީއެސްގެ އައު ފްރަންޓް އޮފީހަކީ އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދޭ މަގު ފަހިވެގެންދިޔަ ކަމެއް ކަމަށާއި މައިއެމްސީއެސް ޕޯރޓަލްގެ ޒަރިއްޔާއިން، ރައްޔިތުންނަށް އަންނަން ނުޖެހި ލުއި ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދިލެވޭނެ މަގުފަހިވެގެން ދިޔަކަމެވެ. އަދި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ދުރު ވިސްނުމާއި ކާމިޔާބީތަކަށް ތަޢުރީފްކުރައްވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ޓީމެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މަގުދައްކާނެ ވެރިންނާއި އެ މަގުގައި ހިނގާނެ ފައުޖެއް އޮވެގެން ކަމަށާއި ކަރެކްޝަންގެ އަދުގެ ފައުޖަކީ މިފަދަ ފައުޖެއް ކަމަށާއި މިނިސްޓަރ ފަޚުރުވެރިވާފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ފައުޖެއް ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މި މަޝްރޫޢުތަކަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ކަމަށާއި ކޮންމެ ކަމެއް ކުރާއިރު، އެކަމުގެ މަގުދައްކައިދޭ ރޯޑްމެޕެއް އޮތުމުގެ މުޙިއްމުކަމެއް ކަމަށެވެ. ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވީ އެމްސީއެސްގެ ހަޔާތުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ފަދަ ބޮޑެތި ތަރައްޤީތަކެއް ނެތް ކަމާއި މީގެ ކުރިން އެމްސީއެސްގެ ހީވާތި އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރަންޖެހީ ޤައިދީންނާއި ބަންދުމީހުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އިންފްރާސްޓްރަކްޗަރ ފަދަ އެއިރެއްގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި، ވަރަށް ބުރަ މަސައްކަތްކުރުމުގައި ކަމަށެވެ. ޔޫއެންއޯޑީސީ އަދި ޔޫރަޕިއަން ޔޫނިއަންގެ މުހިއްމު އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރުދެންނެވިއެވެ. އަދި ކޮމިޝަނަރ ވިދާޅުވީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ވުޖޫދުވެގެންދާއިރު، އެ ކާމިޔާބު ވާނީ އޭގައި ހިމަނާފައިވާ ކަންކަން އިމްޕްލިމެންޓްކޮށް، އިވޭލުއޭޝަން ތައް ހެދިގެން ކަމަށާއި، އޮފިސަރުންނާއި މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ތަމްރީންތައްވެސް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

ޔޫ.އެން.އޯ.ޑީ.ސީ އަދި ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން އަގު ވަޒަން ކުރުމުގެ ގޮތުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ ޔޫއެންއޯޑީސީގެ ޕްރޮގްރާމް އޮފީސް އިން ދަ މޯލްޑިވްސް، ހެޑް އޮފް އޮފީސް މިސްޓަރ އެންރިކޯ ބޮނިންސެނާ އަށް ދެ ހަނދާނީ ފިލާ އަރުވާފައެވެ.