މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ އައު ދެ ބެޗާއި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ތިން ބެޗް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

މި ދެ ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އޮނަރަބަލް އަލީ އިޙްސާންއެވެ. މިނިސްޓަރގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، އައިކޯސްޓްގެ ޑިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާން، ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަން އޮފިސަރުން އަދި ސިވިލް މުވައްޒަފުންގެ އިތުރުން ކޯހުގެ ބައިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވިލެއްވިއެވެ.
ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ 4 ވަނަ ބެޗާއި 5 ބެޗު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރު 10ގައެވެ. މި ކޯހުގެ ދެ ބެޗްގައި އެކި ޖަލުތަކުންނާއި ހެޑްކުއަރޓަރސްއިން ޖުމްލަކޮށް 88 ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ޔުނިވަރސިޓީ ޕްރެޕެރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ތިން ބެޗް ވެސް 117 ބައިވެރިންނާއެކު ފަށާނެއެވެ.

މި ދެ ކޯސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އޮނަރަބަލް އަލީ އިޙްސާންގެ ވާހަކަފުޅުގައި، މި ކޯސް ވާޗުއަލްކޮށް ކުރިއައްގެންދިއުމަށް ލިބުނު ތަރުހީބު ބޮޑުކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ކޯހުގައި ބައިވެރިވުމަށް 230 އެޕްލިކޭޝަން ލިބިފައިވާ ކަމާއި މީގެން ފާހަގަވަނީ އެމްސީއެސްގައި މަތީ ތަޢުލީމަށް އޮތް ޝައުގުވެރިކަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. ވަޒީފާއަދާކުރަމުން ކިޔެވުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ވީނަމަވެސް، މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކޯހުން ދަސްވެނިވުމާއި ހަމަޔަށް ދިއުމަށް ގަދަ ހިއްވަރަކާއެކު މަސައްކަތް ކުރުމަށް މިނިސްޓަރ، ކޯހުގެ ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި މި ކޯހުން އުނގެނި ދަސްވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާ، މުވައްސަސާގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތްކުރުމަށް މިނިސްޓަރ ނަސޭހަތްތެރިވެލެއްވިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މިއީ ރާއްޖޭގައި މިދާއިރާ އިން ހިންގާ ފުރަތަމަ ކޯހެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އަދި ތިން މަސް ދުވަހަށް ކުރިއަށްދާ ޔޫޕީޕީ ކޯސް ފުރިހަމަކުރުމުން، ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ދެ ކޯސް ކުރިއަށް ގެންދާނީ ވަރޗުއަލްކޮށެވެ. ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް އާއި ޔޫޕީޕީ ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ ސިވިލް މުވައްޒަފުންނެވެ.




