މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހެޑްކުއަރޓަރސް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކޮށްފައިވާ ހެޑްކުއަރޓަރސްގެ އައު އިމާރާތް ހުޅުވައިދެއްވުމަށް މިއަދު މެންދުރު ބ1ެއްވި ރަސްމިއްޔާތު ފެށުމުގެ ކުރިން އެމްސީއެސްގެ 39 އޮފިސަރުން އެކުލެވިގެންވާ ޝަރަފުގެ ގާޑެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ އިތުރުން، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލްފާޟިލް ޢަލީ ޢާރިފް، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރު އަޙްމަދު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް، ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހިމް މަފާޒް އަދި ދަޢުވަތު އެރުވި މެހެމާނުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި 17 ނޮވެމްބަރ 2023 ން 15 އޮކްޓޫބަރ 2025 އާ ހަމައަށް އެމްސީއެސްއިން ކޮށްފައިވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވާހަކަފުޅު ދައްކަވަމުން، މިމުވައްސަސާގެ 54 އަހަރުވީ ތާރީޚުގައި މިއީ ޖަލެއްގެ ގޯތިތެރޭގައި ބޭއްވޭ މިފަދަ ރަސްމިއްޔާތަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ވަޑައިގެންނަވާ ފުރަތަމަ ފަހަރުކަމުގައި ފާހަގަކުރެއްވިއެވެ. އަދި ހެޑްކުއަރޓަރސްއަށް އަމިއްލަ އިމާރާތެއް ނެތުމުގެ ސަބަބުން މަހަކު އެތައް ލައްކަ ރުފިޔާ ކުލި ދެއްކުމުގައި ޚަރަދުވެފައިވީއިރު، ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ފަސް އިމާރާތަކަށް ބަދަލުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެމްސީއެސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށްފަހު ވަނީ އެމްސީއެސްގެ ހެޑްކުއަރޓަރސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމަނިކުފާނު ހެޑްކުއަރޓަރސްގެ އައު އިމާރާތް ބައްލަވާލައްވާފައެވެ.

މިއަދު ހުޅުވުނު ހެޑްކުއަރޓަރސްގެ އައު އިމާރާތަކީ 2 ފަންގިފިލާގެ، 12000 އަކަ ފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. މި އިމާރާތަކީ 12000 އަކަ ފޫޓުގެ 2 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި ހެޑްކުރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަން / ކޮމާންޑް ހިމެނޭހެން 175 އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރެއެވެ. ހެޑްކުއަރޓަރސް އިމާރާތްކުރުމުގައި އެމްސީއެސްގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބުރަ މަސައްކަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ޚާއްސަކޮށް ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި އިންޑަސްޓްރިއަލް މަސައްކަތްކުރުމުގައި ހަރަކާތްތެރިވާ 30 ށް ޤައިދީން، މި ޕްރޮޖެކްޓްގައި މަސައްކަތްކުރުމަށްޓަކައ ކޮންސްޓްރަކްޝަންގެ މަސައްކަތް ދަސްކޮށްފައިވެއެވެއެވެ.





