މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އައްސޭރި ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ސ. ހިތަދޫ / ފެއަރީޕެލަސް، އަޙްމަދު ޝަފީޤް (59އ) މިއަދު ނިޔާވެއްޖެއެވެ.
އަޙްމަދު ޝަފީޤް ނޭވާލުމަށް ދަތިވާތީ، މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭމުން ގެންދާތާ އެއް މަސް ދުވަސް ވެފައިވެއެވެ. އަދި މިއަދު މެންދުރުގެ ވަގުތެއްގައި އަޙްމަދު ޝަފީޤްގެ އޮކްސިޖަން ލެވެލް ދަށްވެގެން ޙާލަތު ގޯސްވެ، އަވަސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
އަޙްމަދު ޝަފީޤް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.