ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަންގެ އެއިޓީން ތަރޓީ ކްލަސިކްގެ ޗެމްޕިއަންކަން ޕްރިޒަން ކްލަބްއިން ކާމިޔާބުކޮށްފިއެވެ.

ރޭ ރެހެންދި ފުޓްސަލް ދަނޑުގައި ބޭއްވި ފައިނަލް މެޗްގައި ޕްރިޒަން ކްލަބްއާ ވާދަކޮށްފައިވަނީ ޓީމް އެމްއޭސީއެލްއެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށް ފަހު، ޕްރިޒަން ކްލަބްއިން މެޗް ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުންނެވެ. ޕްރިޒަން ކްލަބްގެ ލަނޑު ޖަހާފައިވަނީ އައިޝަތު ލަމްސް، މެޗް ނިމެން ތިން ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ.

ޕްރިޒަން ކްލަބްއިން ވަނީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. އަދި މިއީ ޕްރިޒަން ކްލަބްއިން މިފަދަ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗުގެ “ކުއީން އޮފް ދަ މެޗް” އަށް ހޮވިފައިވަނީ ޕްރިޒަން ކްލަބްގެ އައިމިނަތު ފަޒްލާއެވެ. އަދި އައިމިނަތު ފަޒްލާ ވަނީ “ކުއީން އޮފް ދަ ޓޯނަމަންޓް” ގެ ލަގަބުވެސް ހާޞިލްކޮށްފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އައިމިނަތު ފަޒްލާ އާއި އައިޝަތު ޝަރުމާ ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕްރިޒަން ކްލަބްގެ ކޯޗް އިބްރާހިމް ނައީމްއެވެ.
