މާފުށީ ޖަލުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފި

މާފުށީ ޖަލުގެ ޔުނިޓް މެނޭޖަރުންގެ ޓީމަކާއި އޮފެންޑަރ ސަރވިސް ޑިޕާޓްމަންޓްގެ ޓީމަކާއި ދެމެދު މިއަދު ހަވީރު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

މި މެޗްގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިފައިވާއިރު، މެޗްގެ ހަމައެކަނި ލަނޑުން އޮފެންޑަރ ސަރވިސްގެ ޓީމް މޮޅުވީ ޔުނިޓް މެނޭޖަރުންގެ ޓީމްގެ ޖާޒީ ނަންބަރ 8، އިސްމާއިލް ރަޝީދު އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

މި ގޯލަށްފަހު ޔުނިޓް މެނޭޖަރުންގެ ޓީމުން ކުޅުން ރަނގަޅުކޮށް ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މެޗުގައި ޔުނިޓް މެނޭޖަރުންގެ ޓީމުން އޮފެންޑަރ ސަރވިސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އެޓީމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރެވޭ ގޮތް ނުވެފައެވެ.

މި މެޗަކީ މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން، ޑިޕާޓްމަންޓް ތަކުގެ އެކުވެރިކަން ބަދަހި ކުރުމުގެ މަޤްޞަދުގައި ކުޅެވުނު މެޗެއްކަމަށް، އަހަރީ ދުވަހުގެ މީޑިއާ ކޮމެޓީގެ ރައީސް އެސް.ޕީ.އޯ އިބްރާހީމް ނަޢީމް ވިދާޅުވިއެވެ.

މި މެޗް ބައްލަވާލެއްވުމަށްޓަކައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ހެޑްއޮފީހާއި ޖަލުތަކުގެ އިސްވެރިން ދަނޑަށް ވަަޑައިގެންނެވިއެވެ.