މާފުށީ ޖަލުގައި ކުޅުނު އެކުވެރިކަމުގެ މެޗް އައިކޯސްޓް ކާމިޔާބުކޮށްފި

މާފުށީ ޖަލުގެ އަންހެން އޮފިސަރުންގެ ޓީމަކާއި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ އަންހެން އޮފިސަރުންގެ ޓީމް ރޭ ބައްދަލުކުރި މެޗް އައިކޯސްޓްގެ ޓީމް ކާމިޔާބުކޮށްފިއެވެ.

މި މެޗަކީ މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެކެވެ. މި މެޗް އައިކޯސްޓް ގެ ޓީމް ކާމިޔާބުކުރީ 4-2 ލަނޑުންނެވެ. މި މެޗްގައި އައިކޯސްޓް ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ.

މާފުށީ ޖަލު ޓީމްގެ ކޯޗް އެސް.ޕީ.އޯ ޝަކީލް ޝަރީފް ވިދާޅުވީ މި މެޗްގައި އޭނާގެ ޓީމްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަމަށާއި އެހެންނަމަވެސް އައިކޯސްޓްގެ ކުޅުން ވަރަށް މޮޅު ކަމަށެވެ. އައިކޯސްޓްގެ ކުޅުންތެރިން ހިފަހައްޓަން މާފުށީ ޖަލުގެ އަންހެން އޮފިސަރުންގެ ޓީމު މަސައްކަތް ކުރިނަމަވެސް އެދެވޭ ގޮތެއްގައި އެކަން ކުރެވިފައި ނުވާކަމަށް ކޯޗް ފާހަގަކުރެއްވިއެވެ.

NYN_8047-620x413

އައިކޯސްޓް ޓީމްގެ ކޯޗް ވިދާޅުވީ މި މެޗްގައި ޓީމްގެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި ކުޅުންތެރިންގެ ހިތްވަރު ވަރަށް ގަދަކަމަށެވެ. އަދި މިރޭގެ މެޗް ކާމިޔާބު ކުރެވުނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް މި މެޗުން މޮޅުވާން ބޭނުންވެ، ޓީމެއްގެ ގޮތުގައި ކުޅުމުން ކަމަށެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިކޯސްޓް ގެ ޖާޒީ ނަންބަރ ހައެއް، އައިމިނަތު ސުވައިދާ އެވެ. ސުވައިދާ ވަނީ މި މެޗްގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.