އަސާސީ ތަމްރީން ޕްރޮގްރާމްގެ 30 ވަނަ ބެޗް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 12 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މިއީ އެމްސީއެސްގެ ޚިދުމަތާ އަލަށް ގުޅޭ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރުން ލާޒިމްވެގެންވާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 30 ވަނަ ބެޗެވެ.


މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިޔާއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން އަދި ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

15 ހަފްތާއަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގެ މި ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅުނު 39 ޓްރޭނީން ބައިވެރިވެފައިވާއިރު، އެކި ސަބަބުތަކާ ހުރެ ޓްރޭނިންގ ފުރިހަމަކޮށްފައިވަނީ 33 އޮފިސަރުންނެވެ.

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށް ދިޔަ ގޮތުގެ ވީޑިއޯ ރިޕޯޓް ހުށަހެޅުން ހިމެނުނެވެ. އަދި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާއިރު، ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވާފައިވެއެވެ. އަދި އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން އޮފިސަރާއި، ތަޢުލީމީ ރޮގުން އެންމެ މޮޅު އޮފިސަރާއި، އަމަލީ ގޮތުން އެންމެ މޮޅު އޮފިސަރާއި “ކޮމިޝަނަރ އޮފް ޕްރިޒަންސް އެވޯޑް” އަށް ޝީލްޑާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައިވާއިރު، “ބެސްޓް އޯލް ރައުންޑް” އަށް ހޮވިފައިވާ ޕްރައިވެޓް އައިމަން މުޙައްމަދުއަށް ސެޓްފިކެޓް، ޝީލްޑް، ސޭޝް އަދި ބެރޭ ޙަވާލުކޮށްފައިވެއެވެ. މީގެ އިތުރުން ކޮންމެ ޕްލެޓޫންއަކުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރުންނަށް ޝީލްޑް ދެވިފައިވާއިރު، އެންމެ މޮޅު ޕްލެޓޫން އަށް ވަނީ ޓްރޮފީއެއް ދީފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ޓްރޭނީންނަށް ޕްރިޒަން އޮފިސަރުންގެ ޙުވާ ލާދެއްވީ ފެމިލީ ކޯޓްގެ ޢިއްޒަތްތެރި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިޔާވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވީ ރެޔަކީ މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ވަރަށް މުޙިއްމު މަސައްކަތެއް އިހުތިފާލުކުރެވެމުންދާ ރެއެއްކަމަށާއި އަދި ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކުރެއްވި އޮފިސަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރުމަށް އިސްނަންގަވާ ކުރިމަތިލެއްވި ހުރިހާ އޮފިސަރުންނަށް ޝުކުރާއި މުބާރިކް ބާދީ އަރިސްކުރައްވަމުން ވިދާޅުވީ މި މަސައްކަތަކީ ނަފްސާނީ ގޮތުން ވަރުބަލިކަން ލިބޭ މަސައްކަތެއްކަމަށާއި މި މަސައްކަތުގައި އިޙްލާސްތެރިކަމާއި ތެދުވެރިކަން ކޮންމެހެން ބޭނުންކަމެއް ކަމުގައި އާއި ދަތި އުދަނގޫ ކޮންމެ މާޙައުލެއްގައި ކެތްތެރިކަމާއި ވަފާތެރިކަން ދަމަހައްޓަންޖެހޭ ކަމުގައެވެ. މީގެ އިތުރުން މިނިސްޓަރ ފާހަގަކުރެއްވީ ތަމްރީންނަކީ މަސައްކަތުގެ އަސާސްކަމަށާއި މިފަދަ ތަމްރީންތަކުން ދަސްކުރައްވާކަންކަން ހަނދުމަބަހައްޓައިގެން ވަޒީފާގައި ލިބޭ ތަމްރީންތަކަށް އިތުބާރުކުރެއްވުން މުހިއްމުކަމަށެވެ.

ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ދަސްވެނިވި ދަރިވުން ދެން މަސައްކަތުގެ މައިދާނަށް ނިކުމެވަޑައިގަންނަވާނީ ވަރަށް މުހިއްމު ޤައުމީ މަސައްކަތެއްކަމަށާއި އަދި ފުރިހަމަކުރެއްވީ ދަސްވެނިންގެ މަންމަ އަދި ބައްޕަގެ ވަރަށް މުޙިއްމު އެދުމެއް ކަމަށެވެ. އަދި ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރައްވާ 500 އެއްހާ އޮފިސަރުންނަކީ 24 ގަޑިއިރު ތެރޭގައި އެ މަސައްކަތުގައި ދެމިތިބޭ ޤައުމީ ބަޠަލުންކަމަށާއި އެއްވެސް ފަސް ޖެހިލުމެއްނެތި ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް މަސައްކަތްކުރަމުންދާ ހީވާގި، މުރާލި ބޭފުޅުންކަމުގައެވެ. ކޮމިޝަނަރ އިތުރަށް ވިދާޅުވީ ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަކަމެއް ނޫން ކަމަށާއި ޤައިދީއަކު ޤައިދުކުރުމަކީ އޭނާގެ އަސާސީ ޙައްގުތަކުން އޭނާ މަޙުރޫމްވުމެއްނޫންކަމަށާއި އެ އަސާސީ ޙައްގުތައް ފޯރުކޮށްދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން އަތުކުރި އޮޅާލައިގެން ތިއްބެވިކަމަށެވެ.

އަދި ރިޝްވަތާއި ދިއްކޮށްލާ ލާރިކޮޅާއި ނޫނީ ޢާއިލީ ގުޅުމެއްގެ ތެރެއިންވެސް ޖަލުގެ ގޮޅިތަކުގެ ތެރެއަށް ވައްދަން މަނާތަކެތި ވެއްދުމުގެ ފުރުޞަތު އެއްވެސްވަރަކަށް ނުދެއްވުމަށް ސީޕީ ނަސޭހަތްތެރިވެލެއްވިއެވެ. މާދަމާއިން ފެށިގެން އަތްމަތީގައި ރަސްމީ ހައިސިއްޔަތެއްގެ ގޮތުން ޤައުމީ ނިޝާން ފެންނާނެކަމަށާއި އުފުއްލަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާލީ މަންފާތަކާއި އިލީގަލް މަންފާތަކެއް ނެގޭނެ ފުރުޞަތުތަކެއް އޮންނާނެކަމަށާއި ރަޙްމަތްތެރިންގެ ތެރޭގައިވެސް ނުރަނގަޅު މީހުން އުޅޭނަމަ އެމީހުންނަށް ނޫނެކޭ ބުނުމަށާއި ތެދުވެރިކަމާއި އިޙްލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނަތީޖާއެއް ނުނެރެވޭނެ ކަމަށް ކޮމިޝަނަރ ނަސޭހަތްތެރިވެލެއްވިއެވެ.