މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލާއި ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް “އަވަސްވެ ގަންނާށެ” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.
މިގޮތުން އައްސޭރި ޖަލުގައި މި ޕްރޮގްރާމް 2025 ފެބްރުވަރީ 24 ވަނަ ދުވަހު އެ ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސެޢިން ފައްޓަވައި ދެއްވާފައިވީއިރު، ހުޅުމާލޭ ޖަލުގައި މި ޕްރޮގްރާމް މިއަދު އިފްތިތާޙްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

ފަސް ހަފްތާއަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އައްސޭރި ޖަލުގެ 116 ޤައިދީން ބައިވެރިވެފައިވެއެވެ. އަދި ހުޅުމާލޭ ޖަލުން ބައިވެރިވީ 51 ޤައިދީންނެވެ.
މަޤްޞަދުތަކަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ.
މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ވަރަށް މުޙިއްމު ޕްރޮގްރާމްތަކެވެ. އަދި މުސްތަޤްބަލްގައި ޤައިދީންގެ ރިހެބިލިޓޭޝަން އިތުރަށް ފުޅާކޮށް، ތަޢުލީމީ، ފަންނީ އަދި ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.