މާފުށީ ޖަލުގައި ދިވެހި ސަގާފީ ގޯތި އިފްތިތާޙުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި ޤާއިމްކުރި  ސަގާފީ ސެންޓަރު “ދިވެހި ސަގާފީ ގޯތި” މިއަދު ހުޅުވައިފިއެވެ.

“ދިވެހި ސަގާފީ ގޯތި” ހުޅުވައިދެއްވީ އެކަމަށް ބޭއްވި ޚާއްސަ ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖް އޮނަރަބަލް އާދަމް ނަޞީރު އިބްރާހިމް، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ، އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އާއި ދައުވަތު އެރުވުނު މެހެމާނުން ބައިވެރިވެލެއްވިއެވެ.

މާފުށީ ޖަލުގައި އިފްތިތާޙްކުރި ދިވެހި ސަގާފީ ގޯތީގެ ބޭނުމަކީ ދިވެހި ޞަގާފަތް އާލާކޮށް ދިރުވުމުގެ އިތުރުން، ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް ސަގާފީ މަސައްކަތްތައް ދަސްކޮށްދީ، ޤައިދީންގެ އުފެއްދުންތައް “ސަގާފީ ގޯތި” މެދުވެރިކޮށް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއްވެސް ލިބުމިގެ ފުރުޞަތު ހޯދައިދިނުމެވެ. ދިވެހި ސަގާފީ ގޯތި ފަރުމާކުރެވިފައިވަނީ އިހުގެ ދިވެހީންގެ އާދަކާދައާއި، ދިރިއުޅުމާއި މަސައްކަތްތައް ދައްކުވައިދޭ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ  ވިދާޅުވީ މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވަމުން، ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި  ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ޙައްލު ލިބެން އޮތީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެންކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންގެ ވާހަކަފުޅުގައި ސަގާފީ ގޯށްޗަށާއި އެ ގޯތި ޤާއިމުކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނަށާއި ޤައިދީންނަށް ތައުރީފްކުރައްވަމުން ވިދާޅުވީ ޤައިދީން ރިހެބިލިޓޭޓްކުރުމުގައި މިހާރަށްވުރެއް ބޮޑަށް ޤައުމިއްޔަތާއި ސަގާފަތް ހިމަނައިގެން އެކަންކަން ކުރިއަށްގެންދިއުން މުހިއްމުކަމަށެވެ. އަދި ޤައިދީންގެ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތްކޮށްގެން ޢާމްދަނީއެއް ލިބޭނެ ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން، މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ކަމުގައި ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަން ތަންފީޛުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްސީއެސްއިން ކުރުމަށް އިރުޝާދުދެއްވިއެވެ. އަދި އެއަރޕޯޓްގައިވެސް ޤައިދީންގެ އަތްތެރި މަސައްކަތުން ތައްޔާރުކުރާ ސަގާފީ އުފެއްދުންތައް ވިއްކޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރައްވަމުންދާ ގެންދަވާކަމަށާއި އެ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާގެ ޕަސެންޓޭޖެއް ޤައިދީންނަށް ލިބޭނެގޮތް ހައްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ޖަލުތައް ހިންގުމުގައި ހޭދަވާ ބޮޑު ޚަރަދުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ފާހަގަކުރެއްވީ މިހާރު ކޮންމެ ޤައިދީއަކަށް މަހަކު 27000 ރުފިޔާ ހޭދަވާއިރު، ހުރިހާ ޖަލުތަކެއް އެއްކޮށްލައި “ވަން ޕްރިޒަން ކޮންސެޕްޓް”ގެ ދަށުން ސެންޓްރަލް ޖަލެއް ހެދުމުން އެ އަދަދު ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވި، ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ފާހަގަކުރެއްވީ މި ޖަލު ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިޓޭޝަން ފަރުވާ ގައިދީންނަށް ދެވޭނެގޮތަށް ފަރުމާކުރާ ތަނަކަށްކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ޤައިދީންނަށް ގިނަ ދުވަހު ޖަލުގައި ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއްކަމަށާއި، އެހެންކަމުން އެންމެ އިސްކަމެއް ދެއްވަނީ ރިހިބިލިޓޭޓްކޮށްގެން އެމީހުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށްކަމަށެވެ. އަދި މިހާރު ދުނިޔެ ޤަބޫލުކުރަނީ އަނިޔާވެރިކަމުގެ ބަދަލުގައި އިންސްޓިޓިއުޝަނަލް ރިހެބިލިޓޭޝަން ނުވަތަ ކޮމިއުނިޓީ ރިހެބިލިޓޭޝަންކަމަށާއި ދައުލަތުގެ ވުޒާރާތަކުން ޤާނޫނީ ހަމަތަކުގެ މަތިން ބޭފުޅަކަށް ހުކުމްކޮށްފައި ޖަލަށް ލުމުން ޚަރަދު ކުޑަކުރުން ނޫން ކަމެއް ނުވާކަމަށާއި އޭނާ ހުކުމް ތަންފީޛުކުރުމަށްފަހު ނުކުންނައިރު ރަނގަޅު ފަރުދެއްގެ ގޮތުގައި ނުނިކުންނަ ކަމަށް ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ ޖަލުގައި ތިބި ޤައިދީންގެ ތެރެއިން 65 އިން ސައްތަ ޤައިދީންނަކީ ތަކުރާރުކޮށް ކުށްކުރާ މީހުންކަމަށާއި އެމީހުން ރަނގަޅު މީހުންގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަކީ އެމްސީއެސްގެ ވާޖިބެއްކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ދިވެހި ސަގާފީ ގޯތީގައި އުފެއްދުންތެރި ގިނަ މަސައްކަތްތަކެއް އޮފިސަރުން ދަސްކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި އެ ފަންނީ މަސައްކަތްތައް ގައިދީންނަށް ދަސްކޮށްދޭނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުން ދިވެހި ސަގާފީ ނެށުމުގެ އައިޓަމްތައް ހުށަހަޅާފައިވާއިރު، އަންހެން ޤައިދީންގެ އައިޓަމެއްވެސް ހުށަހަޅާފައިވެއެވެ.