މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން “ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ” ބާއްވައިފިއެވެ.
މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓަށް ހިންގުމަށް ހަމަޖެހިފައިވާ ތިން ލީޑަރޝިޕް ސެމިނަރގެ ފުރަތަމަ ސެމިނަރއެވެ.
މި ސެމިނަރތަކުގެ މައިގަނޑު މަޤްޞަދަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެގޮތުން 08 މެއި 2024 ށް ހިންގި މި ސެމިނަރގައި ބައިވެރިވެފައި ވަނީ 23 ކޮމިޝަންޑް އޮފިސަރުންނެވެ. އަދި މި ފުރަތަމަ ސެމިނަރގައި ސަމާލުކަން ދީފައިވަނީ “އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް”، “ޕަރސަނަލް ޑިވެލޮޕްމަންޓް ޓު ޑިލިވަރ ޗޭންޖް” އަދި “އިމްޕްލިމެންޓިންގ އަ ޗޭންޖް ޕްރޮޖެކްޓް” އަށެވެ. އަދި ލީޑަރޝިޕްގެ ދެ ސެމިނަރ މިއަހަރު ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ސެމިނަރގައި އިސްކޮށް ހަރަކާތްތެރިވީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސްއެވެ. އަދި މި ސެމިނަރގައި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވީ ޕޯލާ މިލީނޯ، ޑޭވިޑް ވެލްސް އަދި ޓޯނީ ހެސެލްއެވެ.