ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު (44 އަހަރު) މިރޭ ނިޔާވެއްޖެއެވެ.
އަޙްމަދު އިޖާޒު 8 މާރިޗު 2024 ގައި ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރްގައި އެޑްމިޓްކުރިއެވެ. އަޙްމަދު އިޖާޒުއަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން އޭނާ ވަނީ 9 މާރިޗު 2024 ގައި އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް، ފަރުވާ ދޭންފަށާފައެވެ. އަދި ޙާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވެއެވެ. އައިސީޔޫއިން އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ މިރޭ 23:30 ހާއިރު ގައިވެއެވެ.
އަޙްމަދު އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމަށް 7 މާރިޗު 2024 ގައި ހުޅުމާލޭ ޖަލަށް ގެނެވުނު މީހެކެވެ.
އަޙްމަދު އިޖާޒު ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.