853 ސްޕެޝަލިސްޓް ޑޮކްޓަރ ކޮންސަލްޓޭޝަނަށްފަހު އެމްސީއެސްއިން އޮޕަރޭޝަން ހޭހަން ނިންމާލައިފި

ޤައިދީންނާއި ބަންދުމީހުންނަށް 853 ސްޕެޝަލިސްޓް ޑޮކްޓަރ ކޮންސަލްޓޭޝަނާއި ޚިދްމަތްތަކަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހޭހަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

29 އޮކްޓޯބަރ 2022 ން 17 ނޮބެމްބަރ 2022 އާ ހަމައަށް ހިންގި އޮޕަރޭޝަން ހޭހަން އަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިންގުނު ޚާއްސަ އޮޕަރޭޝަންއެކެވެ. މި އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދުމީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މި އޮޕަރޭޝަންގެ ދަށުން، ޤައިދީންނާއި ބަންދުމީހުންނަށް އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ ލޮލުގެ ޚާއްސަ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓެވެ. މިގޮތުން 175 ޤައިދީންނާއި ބަންދުމީހުންނަށް ލޮލުގެ ކޮންސަލްޓޭޝަންތައް ފޯރުކޮށްދީފައިވާއިރު، މީގެ ތެރެއިން ގިނަ ފަރާތްތަކަކަށް އައިނު ހައްދާދިނުމާއި އެހެން ޚިދުމަތްތައް ވަނީ ފޯރުކޮށްދީފައެވެ.

ލޮލުގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން، އެންމެ ގިނައީ ކަށީގެ ޑޮކްޓަރުންނަށާއި އެތެރެހަށީގެ ޑޮކްޓަރުންނަށާއި ދަތުގެ ޑޮކްޓަރުންނަށާއި ކަރުންމަތީގެ ޑޮކްޓަރުންނަށް ދެއްކި ފަރާތްތަކެވެ. މިގޮތުން ކަށީގެ ޑޮކްޓަރުންނަށް 96 އެޕޮއިންޓްމަންޓާއި އެތެރެހަށީގެ ޑޮކްޓަރަށް 75 އެޕޮއިންޓްމަންޓާއި ދަތުގެ ޑޮކްޓަރަށް 70 އެޕޮއިންޓްމަންޓާއި ކަރުންމަތީގެ ޑޮކްޓަރުންނަށް 66 އެޕޮއިންޓްމަންޓް ހަމަޖައްސައި، އެ ފަރާތްތަކަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.

މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަމަށް ރިއާއަތްކޮށް އިސްލާހުކުރުމެވެ. އޮޕަރޭޝަން ހޭހަން ނިންމާލުމުގެ ގޮތުން، ކޮމިޝަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވަނީ މި އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނަށް ބްރީފިންގ އެއް ބާއްވާފައެވެ. އަދި މި ބްރީފިންގގައި އޮޕަރޭޝަންގައި ދިމާވި ގޮންޖެހުންތަކާއި އެހެނިހެން ކަންތައްތައް ވަނީ އޮޅުންފިލުވާފައެވެ.