ބޭސިކް ޓްރޭނިންގ ކޯސް ހަދަމުންދިޔަ ޓްރޭނީއެއް ނިޔާވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ވަޒީފާއާ އަލަށް ގުޅޭ ފަރާތްތަކަށް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން ހިންގާ އަސާސީ ތަމްރީން ކޯސް ހަދަމުންދިޔަ ޓްރޭނީއެއް މިއަދު ނިޔާވެއްޖެއެވެ.

އަސްރުމާގެ، ސ. ހިތަދޫ މަރްހޫމާ އާމިނަތު ނަޝްވާ ނަސީމް (18 އަހަރު)، ޓްރޭނިންގ ގެ ފެތުމާ ބެހޭ ބައިގައި މިއަދު ހެނދުނު 11:30 ހާ އިރު ފަތަން އުޅުމުގެ ތެރޭގައި އާދަޔާ ޚިލާފު ގޮތްތަކެއް ވާކަން ފާހަގަކުރެވިގެން ވަގުތުން މޫދުން ނެގިއެވެ. އަދި ޕަލްސް ނެތްކަން ފާހަގަކުރެވިގެން ވަގުތުން އަވަސް ފަރުވާ ދެމުން މާފުށީ ހެލްތް ސެންޓަރަށް ގެންދިޔުމުން އެ ސެންޓަރުގެ ޑޮކްޓަރުގެ ލަފާގެ މަތިން އެމަޖެންސީކޮށް ވާނީ މާލެ ގެނެވި، އައިޖީއެމްއެޗް ގައި އަވަސް ފަރުވާ ދެވިފައެވެ. ނަޝްވާ ނިޔާވިކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަނޑައަޅާފައިވަނީ 14:02 ހާ އިރުއެވެ.

މި ހާދިސާއާ ގުޅިގެން މި ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައެވެ.

އަދި ޢާއިލާއއާ ގުޅިގެން މަރްހޫމާ ނަޝްވާގެ ޖަނާޒާގެ ކަންތައް މި ސަރވިސްއިން ކުރިއަށް އެބަގެންދަމެވެ.