ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ އައު 2 ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ދެވަނަ ފޭސް ގެ އައު ދެ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ. މި 2 ބެޗްގައި ޖުމްލަ 42 ޤައިދީން ހިމެނެއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 2 ކުރިއަށްދާނީ 03 މަސް ދުވަހަށެވެ. މިއަދު ފެށި 2 ބެޗަކީ ފިރިހެން ޤައިދީންގެ 16 ވަނަ ބެޗާއި އަންހެން ޤައިދީންގެ 4 ވަނަ ބެޗެވެ. މިގޮތުން 16 ވަނަ ބެޗްގައޮ 30 ފިރިހެން ޤައިދީން ބައިވެރިވެފައިވާއިރު، ބެޗް 4 ގައި 12 އަންހެން ޤައިދީން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ. ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ޤައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާއި އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާއި “އެޑިއުކޭޝަން އަދި ވޮކޭޝަން” ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.

ފޭސް 2 ގެ މަޤްޞަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމެވެ. އެގޮތުން ސައިކޮލޮޖީ ޕްރޮގްރާމްތަކުގެ ތެރޭގައި ކުށުގެ ވެށިން ދުރުހެލިވުމަށް ބާރުއަޅާ ޕްރޮގްރާމްތަކާއި ދީނީ ޕްރޮގްރާމްތަކާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ.