އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގ(އެސްސީއެސް) އިން “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 7 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ. އަދި މިއީ އެމްސީއެސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗެވެ.

މި ޕްރޮގްރާމަކީ 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ފަހަރުގެ ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅޭ 24 ފިރިހެން އަދި 12 އަންހެން ފަރާތުން ވަނީ ބައިވެރިވެފައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޑީސީޕީ ހުރިހާ ބައިވެރިންނަށް މަރުހަބާ ދަންނަވަމުން، ގަދައަޅާ މަސައްކަތްކުރުމަށް ހިތްވަރު ދެއްވިއެވެ. އަދި މި ޓްރޭނިންގގައި ދަސްކުރާ އެއްޗެހީގެ ބޭނުން މަސައްކަތު މާހައުލުގައި ފުރިހަމައަށް ބޭނުންކުރުމަށް ޑީސީޕީ ބާރުއެޅުއްވިއެވެ.  

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދެވޭނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.