މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ފަހުމްނާމާއެއްގައި ސޮއިކޮށްފި

ޖަލުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނަށް ޚާއްޞަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ސޮއިކުރެއްވާފައިވާއިރު، އެން.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީއީއޯ އަލްފާޟިލް މުޙައްމަދު ރަމީޒެއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަޙްމަދު ނަސީމް އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް ޝެއިޚް އިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.                 

އެއް (01) އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންގެންދާ ޤައިދީންނަށް ޚާއްޞަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ހިންގުމާ ގުޅޭ ގޮތުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގެ ދަށުން ޤައިދީނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެ ކަމަށް ޚާއްޞަކުރެވިގެން ތަމްރީނުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސެލަރުންނާއި ކޭސްވޯކަރުންނާއި ޕްރިޒަން އޮފިސަރުންގެ ފަރާތުންނެވެ. މީގެ އިތުރުން އިންހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ބޭނުންވާނެ އާފްޓަރކެއަރ ޕްރޮގްރާމާއި ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި، ޑޭޓާ އެއްކުރުމާއި އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލުގެނައުމާއި، މުޖުތަމަޢަށް ނުކުންނަ ފަރާތްތައް މޮނިޓަރ ކުރެވޭނެ އުޞޫލުތައް ކަނޑައެޅުމަށް ވެސް މި ފަހުމުނާމާގައި ބާރުއަޅައެވެ.

ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންގެންދާ ޤައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޙުކުމްކޮށްފައިވާ ފަރާތްތަކެވެ. މިގޮތުން 2021 ގައި ޖަލަށް ޙުކުމް ތަންފީޛުކުރުމަށް ގެނެވިފައިވާ ފަރާތަކުގެ ތެރެއިން، އޮކްޓޫބަރ މަހާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަލަށް ޙުކުމްކޮށްފައިވާ 184 ޤައިދީން ވަނީ ޖަލަށް ގެނެސްފައެވެ. ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ފެށުމަކީ، މިފަދަ މައްސަލަތަކުގައި ޙުކުމްތަންފީޛުކުރަމުންދާ ޤައިދީން އިސްލާހުކޮށް، ޙުކުމްތަންފީޛުކޮށް ނިމޭއިރު ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް އެފަރާތްތައް ދޫކުރުމަށް އެމްސީއެސްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިދޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.