ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ ދެ ބެޗް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ ދެ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

މިގޮތުން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 17 ވަނަ ބެޗްގައި 50 ފިރިހެން ޤައިދީން ހިމެނޭއިރު، އަންހެން ޤައިދީންނަށް ޚާއްސަ ބެޗްގައި 19 ޤައިދީން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢުއަށް ނުކުންނައިރު އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.

މި ފްރޭމްވަރކް އެކުލެވިގެންވަނީ 4 ފޭސްގެ މައްޗަށެވެ. އެއީ ގައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާއި އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާއި “އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.