އެމްސީއެސްއިން މިޑްލް މެނޭޖްމަންޓަށް ޚާއްސަކޮށް “މިޑްލް މެނެޖަރސް ރިފްރެޝަރ” ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓަށް ޚާއްސަކޮށް ”މިޑްލް މެނެޖަރސް ރިފްރެޝަރ” ގެ ނަމުގައި ޕްރޮގްރާމެއް މާފުށީ ޖަލުގައި ފަށައިފިއެވެ.

05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެކި ޖަލުތަކުން 18 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްއެވެ.

މި ޕްރޮގްރާމްގައި ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ މުވައްޒަފުންނެވެ.  

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅާ، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޙުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ލީޑަރޝިޕް އެންޑް ކޮމިއުނިކޭޝަން ސްކިލްސް، އެތިކްސް އެންޑް ގޯލް ސެޓިންގ، ސްވިމިންގ އާއި ފުޓް ޑްރިލް، އިންވެސްޓިގޭޝަން އެންޑް ޕްރޮބްލަމް ސޯލްވިންގ އަދި މެނޭޖީރިއަލް ޕްރޮފައިލް ފަދަ މޮޑިއުލްތަކުގެ އިތުރުން ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމާއި ޔޫއެން ކޮންވެންޝަން އަގޭންސްޓް ޓޯޗަރ އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގޭންސްޓް ޓޯޗަރ މުވާހަދާތަކާ ބެހޭ މަޢުލޫމާތު ކިޔަވާދިނުމަށް ވަނީ ހަމަޖެހިފައެވެ.