އެމްސީއެސްގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އީ-ސަރވިސް ޕޯޓަލް ތައާރަފްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ  އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސިސްޓަމް (އެޓަމްސް) އީ-ސަރވިސް ޕޯޓަލްގެ ޓަރައިލް ވަރޝަން ތައާރަފްކޮށްފިއެވެ.

މިއަދު ހެނދުނު އެމްސީއެސް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ. މި ޕޯޓަލް މިއަދު ޓްރައިލްގެ ގޮތުގައި ތައާރަފްކުރެވޭ އިރު، އާންމުންގެ ބޭނުމަށް ހުޅުވާލާނީ 20 ނޮވެމްބަރ 2020 އަށެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލުން ބޭރުގައިވާ އާއިލާއާއެކު ގާތްގުޅުމެއް ބޭއްވުމަކީ ޤައިދީން ރީހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމުކަމެއްކަމަށެވެ. އަދި މީގެ ކުރީގައި ޤައިދީންގެ އަތޮޅުތެރޭގައި ތިއްބަވާ އާއިލާތަކަށް ބައްދަލުވުންތަކަށް މާލޭގައި ހުރި ފަރާތެއްގެ އެހީތެރިކަމާނުލައި ރިކުއެސްޓްކުރަން ދަތިވީ ނަމަވެސް، މި ޚިދުމަތް މެދުވެރިކޮށް އެފަރާތްތަކަށް އޮންލައިންކޮށް ކޮންމެ ތާކު ތިއްބަވައިގެންވެސް ރިކުއެސްޓްކުރެވިދާނެކަމަށް ވިދާޅުވިއެވެ. އަދި އައިޓީ ޓީމަށް ކުރެއްވި މަސައްކަތަށް ވަރަށް އިޙުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އީ-ސަރވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް އެމްސީއެސްގެ ހިދުމަތްތައް ހޯދުމަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހަކަމަކަށް ވެގެންދާނެކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މިހާރަށް ވުރެ އެފިޝަންޓްވެ، މަސައްކަތް އަވަސްވެގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މި ޕޯރޓަލް ފަރުމާކުރެވިފައިވާ ވަނީ ދެ ބަޔަކަށެވެ. އެއީ އާންމު ރައްޔިތުންނަށް ހިދުމަތްތަކަށް އެދުމަށް ހުޅުވާލެވިފައިވާ ޕަބްލިކް ޕޯރޓަލްއަކާއި އެމްސީއެސްގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރުކުރެވިފައިވާ އެޑްމިން ޕޯޓަލްއެކެވެ. ޕަބްލިކް ޕޯޓަލްއިން ޚިދުމަތްތަކަށް އެދުމުން އެޑްމިން ޕޯޓަލް މެދުވެރިކޮށް އޮފިސަރުނަށާއި މުވައްޒަފުންނަށް ކުރިއަށްވުރެ އަވަސް މުއްދަތެއްގައި ރިކުއެސްޓްތައް ޕްރޮސެސްކޮށް ހަމަޖެހިގެންދާނެއެވެ. މިގޮތުން މި ޕޯޓަލް މެދުވެރިކޮށް ބައްދަލުވުންތަކަށް އެދިލައްވާ ފަރާތްތަކުގެ ރިކުއެސްޓްތައް ޗެކް ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް 1 މަސައްކަތު ދުވަސް ތެރޭގައި ބައްދަލުވުމާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ހަމަ އެފަދައިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ރިކުއެސްޓް ރިޖެކްޓްކުރުވުނުކަންވެސް 1 މަސައްކަތު ދުވަސް ތެރޭގައި އެންގޭނެއެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް އެމްސީއެސްގެ އިސްވެރިންނާއި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް އެދެވޭނެއެވެ. ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުވުމަށް އެދިލެއްވޭނީ އެފަރާތްތަކުގެ ޤާނޫނީ ވަކީލުންނަށާއި އާއިލާގެ ފަރާތުންނެވެ.