ކޯވިޑް-19 އާއި ގުޅިގެން އައްސޭރި ޖަލުންނާއި މާލެ ޖަލުން ރެންޑަމްކޮށް ނެގި 72 ސާމްޕަލް ނައްސިވެއްޖެ

މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، އައްސޭރި ޖަލުންނާއި މާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި 72 ސާޕަލް ނައްސި ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދެއްވައިފިއެވެ.

އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އައްސޭރި ޖަލުން 25 ޤައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، މާލެ ޖަލުގެ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 ފަރާތުގެ ސާމްޕަލްއާއި އޮފިސަރުންގެ ތެރެއިން 20 ފަރާތުގެ ސާމްޕަލް ވަނީ ނަގާފައެވެ.

މި ދެ ޖަލުން ޖުމްލަ 72 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނެވެ.

ކޯވިޑް-19 އަށް ޓެސްޓުކުރުމަށް އެންމެ ފުރަތަމަ ރެންޑަމް ސާމްޕަލް ނަގާފައިވަނީ މާފުށީ ޖަލުން 2020 މޭ 08 ވަނަ ދުވަހުގައެވެ. އަދި އެ ޖަލުން ސާމްޕަލް ނެގި 15 ޤައިދީންނާއި 23 އޮފިސަރުންގެ ސާމްޕަލްވެސް ވަނީ މި ވައިރަހަށް ނައްސިވެފައެވެ.