މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމު ރަސްމީއްޔާތު މާފުށީ ޖަލުގައި ރޭ ބާއްވާފިއެވެ.
މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ.
މި ރަސްމީއްޔާތުގައި އެމްސީއެސްގައި ދިގު މުއްދަތަށް ވަޒީފާ އަދާކޮށްފައިވާ އޮފިސަރުންނަށާއި މުވައްޒަފުންނަށް އެ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ދީފައެވެ. އަދި މީގެ އިތުރުން ބައެއް ފަރާތްތަކަށް ވަޒީފާގެ ކުރިއެރުންވެސް ވަނީ ދީފައެވެ.
ޝަރަފްވެރި މެހެމާނު ކޮމިޝަނަރއަށާއި އެމްސީއެސްގެ ހުރިހާ ފަރާތްތަކަށް މުނާސަބަތުގެ ތަހުނިޔާ އަރީސްކުރެއްވިއެވެ. އަދި މީހުން ބަންދުކޮށްގެން ގެންގުޅޭގޮތާއި ޖަލުތަކުގެ ހާލަތު މާޒީއާ އަޅާބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި ޖަލުތައް ހިންގާނެ ގޮތާއިބެހޭ ގަވާއިދުތައް އެކުލަވާލެވިފައިވާއިރު، ޖަލުތައް ބަލަހައްޓާނެ އަދި ކުށްވެރިން އިސްލާހުކުރާނެ ބެލެނިވެރިއަކަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވަނީ ބަދަލުވެފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖަލުތަކުގައި އިސްލާހުކުރަންހުރި ކަންތައްތައް ދެނެގަނެ، މިހާރުވެސް ބައެއް އިސްލާހީ ފިޔަވަޅުތައް ގެނެވިފައިވާކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ މުނާޒް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މި މުއައްސަސާ ކުރިއެރުމުގައި އެންމެ ބޮޑަށް ބޭނުންވަނީ މުވައްޒަފުންގެ އެކުވެރިކަމާއި، އިހްލާސްތެރިކަމާއި، ދަސްކޮށްފައިވާ ހުނަރުތައް ފުރިހަމަ ގޮތުގައި ބޭނުންކޮށް ކަންކަތައްތައް ރާވާ ހިންގުމާއި ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރިވެ ހުރުމަތްތެރިކޮށް ހިތުންކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ދެއްވާ އެއްބާރުލުމަށާއި ހިދުމަތަށް ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ.
ކުލަގަދަ މި ރަސްމީއްޔާތުގައި މިނިސިޓްރީ އޮފް ހޯމް އެފެއަރޒްގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޢަލީ ނަޒީރު، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަލްފާޟިލް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް މުޙައްމަދު އިބްރާހިމް ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި އިސް ވެރީން، ކޮމިޝަން އޮފިސަރުންގެ އިތުރުން އެމްސީއެސްގެ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.