މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނަށް އަމާޒުކޮށްގެން އައްސޭރިޖަލުގައި ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން ކޯހެއް ފަށައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމް އެވެ. މީގެއިތުރުން، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޒް އިބްރާހިމް މުޙައްމަދު ދީދީއާއި، ކޮމިޝަންޑް އޮފިސަރުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމް ވިދާޅުވީ، މި ކޯސް ފުރިހަމަ ކުރާ ކޮންމެ ބައިވެރިޔަކަށް ވެސް ރާއްޖޭގެ އެނާޖީ އޮތޯރިޓީ އިން ދޫކުރާ ޚާއްޞަ ލައިސެންސެއް ލިބޭނެކަމަށެވެ. އަދި މި ލައިސަންސް ލިބޭ އެއްވެސް ފަރާތަކުން ގެޔެއް ވައިރުކުރުމަށް އެހެން މީހެއްގެ ސޮއި ހޯދަން ދާން ވެސް ނުޖެހޭނެ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ. އަދި ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުން ވެސް މި ކޯހުގައި ބައިވެރިވެފައި ވާކަމީ އުފާ ކުރާ ކަމެއް ކަމަށާއި، މީގެ ސަބަބުން މުސްތަޤުބަލުގައި ކިޔަވައިދޭ މުދައްރިސުން ހޯދުމުގެ ބުރަ ވަރަށް ބޮޑުތަން ލުއި ވެގެންދާނެ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.
މީގެއިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ، ކުށެއް ކުރީމާ އޭގެ މާނަ އަކީ ހަމައެކަނި ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުން ނޫން ކަމަށެވެ. ޤައިދީން ރިހެބިލިޓޭޓް ކުރުވާ، ފައިދާހުރި ބައެއްގެ ގޮތުގައި އެމީހުން މުޖުތަމައަށް އަނބުރާ ނެރުމަށް ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ޑީސީޕީ ވިދާޅުވި އެވެ. އަދި މި ސަރވިސް އިން ހިންގާ މިފަދަ ކޯސްތަކަށް ޤައިދީން ވެސް އެއްބާރުލުން ދީ، މި ފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތަކަށް ހިފަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ކޯހަކީ މި ސަރވިސް ގެ ބެލުމުގެ ދަށުގައި ތިބި ޤައިދީން ރިހިބެލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް މި ސަރވިސް އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ކޯހެކެވެ. މި ސަރވިސް އިން ހިންގާ މިފަދަ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލު ކުރާ ފެންވަރަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. މިފަދަ ކޯސްތައް ހިންގުމުގެ މަޤްޞަދަކީ، މި ކޯސް ފުރިހަމަ ކުރާ ކޮންމެ ޤައިދީއަކު ވެސް އަނބުރާ މުޖުތަމަޢަށް ނުކުންނަ އިރު ވަޒީފާގެ މައިދާނަށް އަހުލުވެރިކުރުވާ، އެމީހުންނަކީ ވެސް މުޖުތަމަަށް ފައިދާ ކުރުވަނިވި، ބޭނުންތެރި ބަޔަކަށް ހެދުމެވެ.