ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
4 ދުވަހުގެ މުއްދަތަށް އަމީނިއްޔާ ސްކޫލު ހޯލުގައި ކުރިއަށްދާ މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިޚް ޢިމްރާން ޢަބްދުﷲ އެވެ. މީގެއިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރުންގެ އިތުރުން، ކޮމިޝަންޑް އަދި ނަންކޮމިޝަންޑް އޮފިސަރުން އަދި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޖަލުތަކުގައި ބަންދުވާންޖެހުމަކީ އުނގެނުމުން މަޙުރޫމުވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، މިއީ އުނގެނުމާއި މަޢުލޫމާތު މުއްސަނދިވުމަށް ލިބޭ ފުރުޞަތެއްކަމުގައި ދެކެންޖެހޭ ކަމަށެވެ. އަދި، ޖަލުތަކުގެ ޙަލާތު ރަގަޅުކުރުމަށް އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ވިސްނުމަށް ހެޔޮ ބަދަލު ގެނައުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިކަމަށްޓަކައި މުޖުތަމަޢުގެ އެއްބާރުލުން ވަރަށް މުހިންމުކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
“ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ ވިސްނުމަށް ހެޔޮ ބަދަލުގެނައުން. ރައްޔިތުންނާއި، ޖަލުތަކުގައި ތިބޭ ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލު ގެނައުން. އަދި މިކަމަށް މުޖުތަމަޢުގެ އެއްބާރުލުމައި އެހީތެރިކަން ބޭނުންވޭ. ކިޔަވާ ކުދިންނާއި، ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި، ސަރުކާރު މުއައްސަސާތަކުގެ ވެސް އެހީތެރިކަން ބޭނުންވޭ”. މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މި އެހީތެރިކަން ލިބިއްޖެނަމަ ޖަލުތަކުގެ ލައިބްރަރީ މުއްސަނދިވެ އޭގެ ހެޔޮ ބަދަލު ޤައިދީންގެ ކިބައިން ފެންނާނެ ކަމަށެވެ.
މީގެއިތުރުން މި ޕްރޮގްރާމަކީ، މިނިސްޓަރ ޢިމްރާންގެ އިސްނެންގެވުމަށް އާންމުންނަށް ހުޅުވާލައިގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ، ފޮތްކިޔުމުގެ ތެރެއިން މަޢުލޫމާތު އުނގެނި އަޚްލާޤު ރަނގަޅުކޮށް ރަނގަޅު މީހަކަށް ވުމަށް ހިތްވަރުދިނުމަށް ފެށި ޕްރޮގްރާމެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވި އެވެ.