އައްސޭރި ޖަލުގައި ގައިދީންނަށް ފުޓްބޯޅަ މުބާރާތެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައިތިބި ގައިދީންގެ ތެރެއިން އައްސޭރި ޖަލުގައި ތިބި ގައިދީންނަށް ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ ގައިދީން ރަނގަޅު ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން އައްސޭރި ޖަލުގައި ތިބި ގައިދީންނަކީ ވިސްނުމުގެ ގޮތުންނާއި އަހުލާގީ ގޮތުން ރަނގަޅު ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

ޖުމްލަ ހަ ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓްހޯދާ ދެޓީމް ސެމީގައި ބައްދަލުކުރާ ގޮތަށެވެ. އަދި ސެމީއިން މޮޅުވާ ދެޓީމް ފައިނަލްގައި ކުޅޭގޮތަށެވެ.

ހުކުރު ދުވަހު ފެށި މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަދުވަހުއެވެ.

މިމުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އައްސޭރި ޖަލުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރު މުބާރާތް ހުޅުއްވައިދެއްވީ އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ހުސައިން އެވެ.