ހުޅުމާލެ ސާފުކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބައިވެރިވެއްޖެ

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންއިން އިންތިޒާމް ކޮށްގެން “ކުރަމާ ކުރަމާ ސާފުކުރަމާ” ގެ ނަމުގައި ހުޅުމާލެ ސާފުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބައިވެރި ވެއްޖެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 8:00 ން މެންދުރު 12:00 އަށެވެ.

މި ޕްރޮގްރާމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ މުނިސިޕަލް ޑިޕާޓްމަންޓްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިއަދުގެ ސާފުކުރުމުގެ ޕްރޮގްރާމްގައި ހުޅުލޭ ބަސް ސްޓޭޝަނުން ފެށިގެން އިރުމަތީ ފަރާތުގެ ބީޗް ސަރަހައްދުގެ ބޮޑުބައެއް ވަނީ ސާފުކޮށް ނިންމާފައެވެ. މިޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހުޅުމާލޭގައި ހުރި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި، ސްކޫލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މިފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިސްކަންދޭ ކަމެކެވެ. މިގޮތުން ވޭތުވެދިޔަ އަހަރުގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ މިފަދަ އިޖްތިމާއީ ގިނަ ހަރަކާތްތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބައިވެރިވެފައި ވާނެއެވެ.

މީގެ އިތުރުން “ފެހިވެހި” ނަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިސްނަގައިގެން އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގާފައި ވާނެއެވެ. މިގޮތުން ހުޅުމާލެ ފޭސް ދޭއްގައި އެއްފަހަރާ 13000 ގަސް އިންދުމުގެ ރެކޯޑް ހަރާކަތަކީވެސް ފާހަގަކޮށްލެވޭ ހަރަކާތެކެވެ.