އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް ފަށައިފި

ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން މާފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ “އައިކޮމް ޕީއާރިސީ ފުޓްސަލް ޓޯނަމަންޓް 2018” ރޭ ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެގޮތުން ރޭ ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ. މި ޙަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަން ޙަސަން ޒިލާލް އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އަދި ޕްރިޒަން ކުލަބުގެ ރައީސް ސީޕީއޯ އަބްދުލް ޣަނީ އާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި އެމްސީއެސްގެ ކޮމިޝަންޑް ރޭންކުތަކުގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

2

މި މުބާރާތް ފެށިގެންދިޔައީ ފޯރިގަދަ ޑާންސް ޙަރަކާތަކާ އެކުއެވެ. އަދި މި ޙަފްލާގައި ޓީމްތަކުގެ ތަޢާރަފް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދެއްކުން އޮތެވެ.

މި މުބާރާތުގައި ޖުމްލަ ފަސްޓީމް ވާދަކުރެއެވެ. އެއީ މާފުށީ ޖަލުގެ ޓީމާއި ޓީމް އެޗްކިއު އާއި އައްސޭރި ޖަލާއި މާލޭ ޖަލުގެ އިތުރުން ހުޅުމާލޭ ޖަލެވެ.

3

މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބުރުގައި ކޮންމެޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓްހޯދާ ހަތަރު ޓީމް ސެމީފައިނަލް ކުޅޭގޮތަށެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވޭނީ މި ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މެޗެއްކުޅެގެންނެވެ.