އައްސޭރި ޖަލުގައި ޤިރާއަތު ކޯސް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްޢާން އެންޑް ސުންނަތް ގުޅިގެން ގައިދީންނަށް ހިންގާ ޤިރާއަތު ކޯހުގެ ލެވަލް އެކެއް އަދި ދޭއްގެ ދެ ބެޗް އައްސޭރި ޖަލުގައި އިއްޔެ ފަށައިފިއެވެ.

ޤިރާއަތު ކޯސް ލެވެލް އެކެއް، 8 ހަފްތާގެ މުއްދަތަށް ކުރިއަށްދާއިރު ޤިރާއަތު ކޯސް ލެވެލް ދޭއް ކުރިއަށްދާނީ ހަތަރު މަސް ދުވަހަށެވެ. ލެވެލް 1 ގެ ބެޗްގައި 23 ގައިދީން ބައިވެރިވެފައިވާއިރު ލެވެލް 2 ގެ ބެޗްގައި ބައިވެރިވެފައިވަނީ 31 ގައިދީންނެވެ.

މި ދެ ކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޯރ ޤުރްޢާން އެންޑް ސުންނަތްގެ އުސްތާޛުންނެވެ.

މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން އައިކޯސްޓްއިން ދަނީ ގައިދީންނަށް އަމާޒުކޮށްގެން ތައުލީމީ ގޮތުންނާއި ފަންނީ ގޮތުން ކުރިއަށް ދެވޭނެ ތަފާތު ކޯސްތައް ހިންގަމުންނެވެ.