ޕްރެޒިޑެންޓްސް ކަޕް ރިކްރިއޭޝަނަލް ފުޓްސަލް މުބާރާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ރޭ ބައްދަލުކުރިމެޗް 8-2 ލަނޑުން އެމްސީއެސް ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އިކޮނޮމިކް މިނިސްޓްރީއިންނެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްސީއެސް އިން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފުގައި އެމްސީއެސް އިން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ފަހު ހާފްގައި ކުޅުން އިތުރަށް ފޯރިގަދަވެ، އިކޮނޮމިކް މިނިސްޓްރީއިން ވަނީ ނުރައްކާތެރި ހަމަލާތަކަކަށްފަހު އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ލިބުނު ޕެނަލްޓީވެސް ވަނީ އެމްސީއެސްގެ ގޯލްކީޕަރ އިސްމާޢިލް ޝިހާމް ހިފަހައްޓާފައެވެ. އެމްސީއެސްއިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށް މެޗްގެ ސްކޯ 8-2 އަށް ބަދަލުކޮށްފައެވެ.
ރޭގެ މެޗުގައި އެމްސީއެސް ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސެން އަލީ ތިން ލަނޑު، ޖައިލަމް ޖަމީލް ތިން ލަނޑު، އަހްސަން ޢަލީ އެއްލަނޑު އަދި މުޙައްމަދު ސިރާޖް އެއްލަނޑެވެ.
މި މުބާރާތުގައި ފިރިހެން ބައިގަ 38 ޓީމް އަދި އަންހެން ބައިގަ 7 ޓީމް ވާދަކުރެއެވެ. ފިރިހެންބައި ވަނީ އަށް ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމް ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެވަނަ ބުރުގައި 16 ޓީމް ވާދަކުރާނެއެވެ. އަދި ދެވަނަ ބުރުން ފެށިގެން ފިރިހެންބައި ކުރިއަށްދާނީ ނޮކްއައުޓް ސިސްޓަމަށެވެ.
ދެން އެމްސީއެސް ބައްދަލުކުރާނީ ޕީއެސްއެމްއާއި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 21:15 ގައެވެ.