މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އިން ގައިދީންނަށް ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 އާއި 2 ފުރިހަމަކުރި ގައިދީންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު މެންދުރު ފަހު މާފުށި ޖަލުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާފުށި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ ސަލްމާން ރަޝީދު އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސްޕީއޯ އަޙްމަދު ޝާހިދުގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ފޭސް 1 އާއި 2 ފުރިހަމަކުރި ގައިދީންނަށް ހަނދާނީ ލިޔުން ޙަވާލުކުރުމުގެ އިތުރުން، މި ފޭސްތައް ހިންގަން އެހީތެރިވި ފެސިލިޓޭޓަރުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފުރަތަމަފޭސް ކުރިއަށް ގެންގޮސްފައިވަނީ 2016 ޖޫން 17 ން 2016 ސެޕްޓެމްބަރ 17 އާއި ހަމައަށެވެ. އަދި ދެވަނަފޭސް ކުރިއަށް ގެންގޮސްފައިވަނީ 2017 އޭޕްރިލް 10 ން 2017 ޖުލައި 10 އާއި ހަމައަށެވެ. މި ދެ ފޭސް ފުރިހަމަކޮށްފައިވަނީ ޖުމްލަ 24 ގައިދީންނެވެ. މި 24 ގައިދީން ދެން ކުރިމަތިލާނީ ފޭސް 3 ފުރިހަމަކުރުމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ. މި ފްރޭމްވަރކްގައި 4 ފޭސްއެއް އެކުލެވިގެންވެއެވެ. އެއީ ގައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާ އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާ “އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.