މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުކުރުމުގައި ޢަމަލުކުރަމުން ގެންދަނީ، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން ގެޒެޓް ކޮށްފައިވާ، ގަވާއިދު ނަންބަރު 2016/R-36 (ބަންދުގައި ތިބޭ މީހުންގެ ތެރެއިން ޤާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަޤާމުތަކުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމާބެހޭ ގަވާއިދު) ގެ ދަށުންނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/12 (28 ނޮވެމްބަރ 2013) ޤަޟިއްޔާއިން، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ބާޠިލު މާއްދާތަކެއްކަމަށް ކަނޑައަޅާފައިވާތީ، މިސަރވިސްއިން އެ މާއްދާތަކަށް ޢަމަލުކުރަން ނުޖެހޭނެ ކަމުގައި ދެކެމެވެ.
އެހެންކަމުން، ކަންކަމުގެ އަޞްލު އޮޅޭގޮތަށާއި މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި މި މުއައްސަސާއާމެދު ނުތަނަވަސްކަން އުފެދިދާނެ ގޮތަކަށް މީޑިއާއިންނާއި ވަކިން ޚާއްޞަކޮށް ޤާނޫނީ ވަކީލުން މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ އެއްވެސްކަމެއްގައި މި ސަރވިސްއާއި ބެހޭގޮތުން ރަނގަޅު ނޫން ތަޞައްވުރެއްދެވޭ، އަދި ޙަޤީޤަތް އޮޅޭފަދަ ވާހަކަ އެއްވެސް ފަރާތަކުން ނުފެތުރުމަށް ދަންނަވަމެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރުކުރުމުގައި މި ސަރވިސްއިން ޢަމަލުކުރަމުންދާ އުސޫލަކީ ކޮބައިކަން ސާފުކުރުމަށް މިސަރވިސްގެ ބަހެއް ހޯދުމަށް އެއްވެސް ފަރާތަކުން ފަހުގެތާރިޚެއްގައި މަސައްކަތެއް ކޮށްފައި ނުވެއެވެ.
03 އޮގަސްޓް 2017