ޤިރާއަތު ކޯހުގެ ލެވެލް، ދޭއްގެ ފަސްވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި

ގައިދީންނަށް ކުރިއަށް ގެންދާ ޤިރާއަތު ކޯހުގެ ތެރެއިން---

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކުރިއަށް ގެންދާ ކޯސް ތަކުގެ ތެރެއިން ޤިރާއަތު ކޯހުގެ ލެވެލް ދޭއްގެ ފަސްވަނަ ބެޗް 20 ގައިދީންނާއެކު މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޯރ ޤުރުއާން އެންޑް ސުންނަތުގެ އުސްތާޛުންނެވެ.

މިކޯހަކީ ފަރިތަކަމާއެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހުންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. މި ކޯސް ނިމޭއިރު ކޯހުގެ ހުރިހާ ބައިވެރިންނަށްވެސް “ސޫރަތުއް ނަބާ” އިން ފެށިގެން “ސޫރަތުލް ނާސި” އާއިހަމައަށް ތަޖުވީދު މަގުން ބަލައިގެން ކިޔަން އެނގުމާއި، “ސޫރަތުލް ޤާޝިއާ” އިން ފެށިގެން “ސޫރަތުލް ނާސި” ގެ ނިޔަލަށް ތަޖުވީދު މަގުން ހިތުން ކިޔަން އެނގިގެންދާނެއެވ. އަދި މުހިންމު އަޚްލާޤީ ސިފަތައް މި ކްލާސްތަކުގެ ތެރެއިން ބައިވެރިންނަށް އެނގިގެން ދާނެއެވެ.

މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައުއަށް ދޫކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކޯހެކެވެ.