‏އެމްސީއެސްގެ އޮފިސަރުން މިނިވަން 51 ގެ ބޮޑުބެރު ހަރަކާތުގައި ބައިވެރިވި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުން، މިނިވަން 51 ފާހަގަ ކުރުމަށްޓަކައި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރުތަކުގެ ތެރެއިން ބޮޑުބެރުގެ ފޯރިގަދަ ހަރަކާތުގައި ބައިވެރިވިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ އޮފީސްތަކަށްވެސް ދައުވަތުދީގެން އަދި އާންމުންނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި އެމްސީއެސްގެ ބޮޑުބެރު ގްރޫޕާއެކު، ޖުމްލަ 80 މީހުން ވަނީ ބައިވެރިވެފައެވެ. އަދި މި ހަރަކާތުގެ ބެރުތައް ލީޑްކުރީ އެމްސީއެސްގެ ޕްރިޒަން ޕްރައިވެޓް ޙަސަން ޝަބީންއެވެ.

މި ހަރަކާތަކީ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އެމްސީއެސްއިން ބައިވެރިވި ދެވަނަ ފަހަރެވެ. މިގޮތުން މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ހަރަކާތްތަކުގެ ތެރެއިން، ޝަރަފުގެ ހިނގާލުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި އެމްސީއެސްގެ 80 އޮފިސަރުން ބައިވެރިވިއެވެ. މި ޝަރަފުގެ ހިނގާލުމުގައި އެމްސީއެސްގެ އޮފިސަރުންނަށް ވަނީ ވަރަށްބޮޑު ތަރުހީބެއް ލިބިފައެވެ.