މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުގެ އޮފިސަރުންނަށް އިމާރާތްކުރި އައު އެކޮމަޑޭޝަން ބްލޮކް އިއްޔެ ހުޅުވައިފިއެވެ.
އައު އެކޮމަޑޭޝަން ބްލޮކް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މާލޭ ޖަލުގައި ބޭއްވި މާހެފުމުގެ ހަފްލާއެއްގައެވެ.
މާލޭ ޖަލުގެ ޑައިރެކްޓަރ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު ވިދާޅުވީ މި އެކޮމަޑޭޝަން ބްލޮކްއަކީ މާލޭ ޖަލުގެ އޮފިސަރުން އުޅެން ޖާގައިގެ ދަތިކަން ދިމާވެފައިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރިމާންޑް ސެންޓަރު ހުރި ބިމުގައި ދެބުރިއަށް އިމާރާތްކުރެވުނު އެކޮމަޑޭޝަން ބްލޮކްކެވެ. އަދި މި އެކޮމަޑޭޝަން ބްލޮކްގައި މެސް ރޫމެއްވެސް އެކުލެވިގެންވުމުން އޮފިސަރުންނަށް ލުއި ފަސޭހަވެ، އެހެން ޖަލުތަކުން އަންނަ އޮފިސަރުންނަށްވެސް ފަސޭހައިން ޖާގަދެވޭނެކަމަށް އެސްޕީ މޫސާ އަންވަރު ވިދާޅުވިއެވެ.
މި ހަފްލާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުން ބައިވެރިވިއެވެ.