އައިކޯސްޓްގެ އަހަރީ ދުވަސް ފާހަގަކުރުމާއި ތިން ކޯހެއްގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، ތިން ކޯހަކުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މިއަދު މާފުށި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢަލީ ފަޒާދުއެވެ.

މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދެވުނު ކޯސް ތަކަކީ ސެޓްފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަރވިޝަން، ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން އަދި ފެސިލިޓޭޓަރ ޓްރޭނިންގ ކޯސްއެވެ.

ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ދެއްވާފައިވަނީ ޝަރަފްވެރި މެހްމާން ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢަލީ ފަޒާދުއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްއެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 104 އޮފިސަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވަނީ އައިކޯސްޓްގެ، ކޯސް މެނޭޖްމަންޓް ސިސްޓަމް ލޯންޗްކޮށްދެއްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަންސް އޮފިސަރުންގެ އިތުރުން ދައުވަތު އެރުވުނު މެހެމާނުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.