މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ޙައްޖާއި ޢުމްރާގެ މާތް އަޅުކަން އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް “މުވައްޒަފުންގެ ސްކީމް” ތަޢާރަފްކުރުމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނާއެކު އެމް.އޯ.ޔޫ. އެއްގައި މިއަދު ސޮއިކޮށްފިއެވެ. އެމް.އޯ.ޔޫ.ގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެމް.އޯ.ޔޫ.ގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޔާމިން އިދްރީސްއެވެ.
މި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޔާމިން އިދްރީސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ މި ސްކީމަކީ މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދެވޭ ސްކީމެއް ކަމަށެވެ. އަދި މި ސްކީމްގައި މުވައްޒަފަކު ކޮންމެ މަހަކު ޖަމާކުރަން ބޭނުންވާ މިންވަރެއް ކަނޑައަޅާ، ފައިސާ ޖަމާކުރަމުންގޮސް ޖުމުލަ އަދަދުގެ %75 އާ ހަމައަށް ޖަމާވުމުން، ހައްޖަށް ނުވަތަ ޢުމްރާއަށް ދެވޭނެ އަހަރެއް ކަނޑައެޅޭނެ ވާހަކަވެސް އެމްޑީ ޔާމިން އިދްރީސް ވިދާޅުވިއެވެ.
މި ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ އެކައުންޓަށް އިސްލާމީ ޝަރީއަތުގެ ހަމަތަކާއި އެއްގޮތަށް ކުރެވޭ ވިޔަފާރީގެ ފައިދާ ލިބޭނެއެވެ. މީގެ އިތުރުން މި ސްކީމަށް ޖަމާކޮށްފައިވާ ފައިސާ ލިބިފައިވާ ފައިދާއާއެކު މުވައްޒަފަކު ބޭނުންވެއްޖެ ހިނދެއްގައި ނެގިދާނެއެވެ. އަދި މި ސްކީމްގައި މުވައްޒަފުންގެ އާއިލާގެ މެންބަރުންވެސް ބައިވެރިކުރުމުގެ ފުރުސަތު އޮވެއެވެ.