އެންޓްރީ ލެވެލް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމުގެ 2 ވަނަ ކޯސް މާފުށީ ޖަލުގެ ޓްރެއިނިންގ އޭރިއާގައި ފަށައިފި

ޕްރިޒަން އެކަޑަމީގެ އެންޓްރީ ލެވެލް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމުގެ 2 ވަނަ ކޯސް މާފުށީ ޖަލުގެ ޓްރެއިނިންގ އޭރިއާގައި މިއަދު ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ އަލަށް މި ޚިދުމަތާ ގުޅޭ މީހުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާފައިވާ ކޯހުގައި ކިޔަވައިދީ އުނގަންނައި ދީފައިވާ މާއްދާތައް ރިފްރެޝްކޮށް، މާއްދާތަކަށް ބަދަލެއް އައިސްފައިވާނަމަ އެ ބަދަލުތަކަކީ ކޮބައިކަން ބުނެދީ މަސައްކަތް ކުރާނެ ފުރިހަމަ ނިޒާމެއް އެކުލަވާލުމުގެ ބޭނުމުގައި ޕްރިޒަން އެކަޑަމީ އިން ހިންގަމުން ގެންދާ ޓްރެއިނިންގ އެކެވެ.

މިގޮތުން މި ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ޕްރިޒަން އޮފިސަރަކީ ސިފަވަންތަ، އަޚްލާޤް ރަނގަޅު، އަމުރަށް ކިޔަމަންވާ، ހަށިހެޔޮ މީހަކަށް ހެދުމާއިއެކު ޕްރިޒަން އޮފިސަރަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުގަންނައިދިނުމުގެ މައްޗަށެވެ. އަދި ދީނީ ކަންތައްތަކަށް ލޯބިކުރާ ވަޒީފާގެ ވާޖިބުތަކާއި މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރާ އޮފިސަރުން ތަކެއް އުފެއްދުމެވެ. މި ކޯހުގައި ޖުމްލަ 25 ޕްރިޒަން އޮފިސަރުން ބައިވެރިވެފައި ވެއެވެ. އަދި މި ކޯހަކީ 7 ދުވަހުގެ މުއްދަތަށް ޕްރިޒަން އެކަޑަމީން ހިންގާ ކޯހެކެވެ.

“އެންޓްރީ ލެވެލް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމް ކޯސް 1″ ގެ ދަސްވެނިވުން ވަނީ އޮކްޓޯބަރ 26 ވަނަ ދުވަހުގެ ރޭ ބާއްވާފައެވެ. މި ޓްރެއިނިންގ ޕްރޮގްރާމުގައި 30 އޮފިސަރުން ބައިވެރި ވެފައި ވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް އެވެ. އަދި ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ހުރިހައި އޮފިސަރުންވެސް އެއް ރޫޙެއްގައި މަސައްކަތްކޮށް ކާމިޔާބާއި ހަމައަށް ވާޞިލްވުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމުގައެވެ. އަދި ޓްރެއިނިންގެ ގެ މުއްދަތުގައި ކިޔަވައިދިން އެއްޗެއް ޢަމަލީ މައިދާނުގައި ބޭނުންކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޕްރިޒަން އެކަޑަމީ ގެ ޑައިރެކްޓަރ، އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އާއި މާފުށީ ޖަލުގެ ޗީފް ސްޕްރިންޓެންޑެންޓް އިންސްޕެކްޓަރ އޮފް ޕްރިޒަންސް އިބްރާހީމް ނާޝިދު އާއި މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް ގެ އިތުރުން ޕްރިޒަން އެކަޑަމީގެ މުދައްރިބުންނާއި ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.