ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ ނޭޝަނަލް ޑްރަގް އެޖެންސީގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނީ މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 100 ވަނަ މާއްދާގައި ބާޔާންކޮށްފައިވާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އެހީތެރިކަން ހޯދުމަށާއި ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފެއްޓުމުގެ މަސައްކަތް އަވަސް ކުރުމަށެވެ.
މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ “މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ ޕެޑްލް ކުރުމުގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރެވޭހިނދު، އޭނާއަކީ، މަސްތުވާ ތަކެއްޗަށް ދެވިހިފާފައި ވުމުގެ ސަބަބުން، އެހާލަތުގައިވެސް ފަރުވާ ލިބެންޖެހޭ މީހެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފެނިއްޖެނަމަ، ކުށުގެ ތުހުމަތުގައި މީހުން ބަންދުކުރުމަށް ކަނޑައަޅާފައިވާ ފުލުހުންގެ މަރުކަޒެއްގައި އޭނާ ބަންދުކުރުމުގެ ބަދަލުގައި އޭނާ ބަންދުކުރާނީ، މި ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ޤާއިމްކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައެވެ.”
47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ “މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި އަންނަނިވި ބާވަތުގެ މަރުކަޒުތައް، ނޭޝަނަލް ޑްރަގް އެޖެންސީ އިން އުފައްދައި، ހިންގަން ފަށަން ވާނެއެވެ.
- (1) ޑިޓޮކްސިފިކޭޝަން ސެންޓަރެއް؛
- (2) ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް؛
- (3) ކުޑަކުދިންނަށް ޚާއްޞަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް؛
- (4) އަންހެނުންނަށް ޚާއްޞަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް؛
- (5) ހާފްވޭ ހައުސެއް؛
- (6) ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް؛
މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ، ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފެއްޓުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކާ އެމް.ސީ.އެސް ގެ ޖަލުތަކުގައިތިބި އެކަމަށް ބޭނުންވާ ބަންދުމީހުންނާއި ޤައިދީންގެ މަޢުލޫމާތުތައް އެއްކޮށް އޭގެތެރެއިން މިހާރުން މިހާރަށްވެސް ޕްރޮގްރާމް ހިންގޭނެ ފަރާތްތައް ކަނޑައަޅައި ކުރިއަށް އޮތް ޖެނުއަރީ މަހުގައި ޕްރޮގްރާމްތައް ފެއްޓުމަށެވެ.
މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގައި ބާޔަންކޮށްފައިވަނީ “ޑްރަގް ކޯޓްގެ އިޙްތިޞާޞް ނުހިނގާ މީހެއްގެ މައްޗަށް ނުވަތަ އެކޯޓްގެ ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަނުވާ މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ޖަލުގައި ޙުކުމް ތަންފީޒް ކުރަމުން ދާނަމަ އަދި އެމީހަކީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައި ހުރުމުގެ ސަބަބުން ފަރުވާ ދޭންޖެހޭ މީހެއްކަމަށް ވާނަމަ، އެމީހަކަށް ޖަލުގައި ފަރުވާ ދެވޭނެ އިންތިޒާމް ޖަލު ބެލެހެއްޓުމުގެ ޒިންމާ ޙަވާލުވެފައިވާ އިދާރާއާއި ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެއެވެ.”
މި ބައްދަލުވުމުގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ މެންބަރުން ކަމުގައިވާ ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު (ބޯޑުގެ ޗެއަރމަން)، އަލްއުސްތާޛާ ޢާއިޝަތު ބިޝާމު، އަލްފާޟިލް ޙުސައިން ރަޝީދު، އަލްފާޟިލް ޙާމިދު ޔޫސުފް، އަލްފާޟިލް ނާޢިފް ޝަޢުކަތު، އަލްފާޟިލާ ފާޠިމަތު ޢައްޒާ، އަލްފާޟިލް ޢަބްދުﷲ ވަޙީދު، އަލްފާޟިލް މުޙައްމަދު ޒުބައިރު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަހުމަދު އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އަޙްމަދު މުނީރު ބައިވެރިވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ލީގަލް އެސިސްޓެންޓް އިސްމާއިލް ސުޢޫދު ބައިވެރިވިއެވެ.
މިބައްދަލުވުމަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު މެންބަރުންގެ އެދިވަޑައިގަތުމުގެމަތިން ބޭއްވި ބައްދަލުވުމުކެވެ.