ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެދިވަޑައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މިކަމަށް އެދިވަޑައިގެންފައިވަނީ އިއްޔެ ހެނދުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ 3 ކޯހެއް ނިންމުމުގެގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ ކޯހުގެ މުއްދަތުގައި މުދައްރިބުން ކުރައްވަމުން ގެންދަވާ ކަންކަން ކުދިން ވަރަށް ބޮޑަށް ދަސްކުރާނެކަމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އިތުރަށް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޕްރިޒަން އެކަޑަމީ އިން ކުރިއަށްގެންދާ ކޯސްތަކުގައި ޕޮލިސް އެކަޑަމީގެ އެއްބާރުލުން ބޭނުން ވާކަމަށެވެ. އަދި ޕްރިޒަން އެކަޑަމީއަށް އިތުރު ފުރުޞަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެމަސައްކަތް ތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފުރިހަމައަށް އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޕްރިޒަން އެކަޑަމީން ހިންގާފައިވާ ޓްރެއިނިންގ ތަކާއި ޕްރޮގްރާމް ތަކުގައި މިހާރުވެސް އެކި ގޮތްގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަން ލިބެމުން ދެއެވެ. އަދި މި ދެމުއައްސަސާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ގިނަގުނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވައެވެ.