އައްސޭރި ޕްރިޒަން ކަޕް: 3-1 ގެ ނަތީޖާ އިން ކުރިހޯދީ އެން.އެކްސް

އައްސޭރި ޕްރިޒަން ކަޕް ގައި އިއްޔެ ހަވީރު އާޗާ އާއި އެން.އެކްސް ބައްދަލުކުރި މެޗް 3-1 ގެ ނަތީޖާއިން ކުރިހޯދީ އެން.އެކްސް އެވެ.

އިއްޔެގެ މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 23 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެން.އެކްސްގެ (ޖާޒީ ނަންބަރ 7) ޕްރައިވެޓް އިބްރާހީމް ހުސައިން އެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގެ 11 ވަނަ މިނިޓްގައި އެން.އެކްސްގެ (ޖާޒީ ނަންބަރ 11) ލާންސް ކޯޕްރަލް ރާއިދު އަބޫބަކުރު ކާމިޔާބުކޮށްދީފައިވާއިރު، ތިންވަނަ ލަނޑު ދެވަނަ ހާފްގެ 15 ވަނަ މިނިޓްގައި އެން.އެކްސްގެ (ޖާޒީ ނަންބަރ 10) ލާންސް ކޯޕްރަލް އަހްމަދު އައްފާން ވަނީ ކާމިޔާބުކޮށްދީ ލީޑް އިތުރަށް ފުޅާކޮށްފައެވެ.

އިއްޔެގެ މެޗްގައި އާޗާ އިން ޖެހި ހަމައެކަނި ލަނޑު ފަހު ހާފުގެ 25 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އާޗާ ޓީމްގެ ހުނަރުވެރި ފޯވާޑް (ޖާޒީ ނަންބަރ 77) ޕްރައިވެޓް އަޙްމަދު ސާމިން އެވެ.

އިއްޔެގެ މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް އެން.އެކްސް އަށް ލިބިފައިވާއިރު، އާޗާ އަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާކަމަށް ބައެއް ސަޕޯޓަރުން ވަނީ ފާހަގަ ކޮށްފައެވެ.

NX1

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެން.އެކްސް ގެ (ޖާޒީ ނަންބަރ 55) ލާންސް ކޯޕްރަލް ހަސަން ޖީޝާދު އެވެ. މޮޅު ކުޅުންތެރިއާއަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އެވެ. ކޮމިޝަނަރ ވަނީ އިއްޔެގެ މެޗް ބައްލަވާލެއްވުމަށް ދަނޑަށް ޒިޔާރަތް ކުރައްވާފައެވެ.