އައްސޭރި ޕްރިޒަން ކަޕްގައި އިއްޔެ ކުޅުނު މެޗް 4-0 ގެ ނަތީޖާއިން އެފް.ސީ ޔުނިޓީގެ މައްޗަށް ކުރިހޯދައި މުބާރާތުގެ އެއްވަނަ ޓީމުގެ ގޮތުގައި އެން.އެކްސް ފައިނަލަށް ދަތުރުކޮށްފިއެވެ.
އެން.އެކްސްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ (ޖާޒީ ނަންބަރ 10) ލާންސް ކޯޕްރަލް އަހްމަދު އައްފާން އެވެ. އަދި ދެވަނަ ހާފްގެ ފަސްވަނަ މިނިޓްގައާއި، 31 ވަނަ މިނިޓްގައާއި، 36 ވަނަ މިނިޓްގައި އެން.އެކްސްގެ އިތުރު ތިން ލަނޑު ޖަހާ މެޗްގެ ލީޑް ފުޅާކުރިއެވެ. މި ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ އެން.އެކްސްގެ ހުނަރުވެރި ފޯވާރޑް (ޖާޒީ ނަންބަރ 11) ލާންސް ކޯޕްރަލް ރާއިދު އަބޫބަކުރެވެ.
އިއްޔެގެ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އެން.އެކްސްގެ (ޖާޒީ ނަންބަރ 11) ލާންސް ކޯޕްރަލް ރާއިދު އަބޫބަކުރެވެ. ލާންސް ކޯޕްރަލް ރާއިދުވަނީ މި މެޗްގައި 3 ލަނޑުޖަހާ، ހެޓްރިކެއް ހަދާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މި މާރޗް މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ. ފައިނަލް މެޗްގައި ބައްދަލުކުރާނީ ދިހަ ޕޮއިންޓާއެކު މުބާރާތުގެ އެއްވަނަ ޓީމްގެ ގޮތުގައި އޮތް އެން.އެކްސް އާއި ފަސް ޕޮއިންޓާއެކު ދެވަނައިގައި އޮތް އެފް.ސީ ތުނޑު އެވެ.
އެން.އެކްސް ފައިނަލަށް ދަތުރުކޮށްފައިވަނީ ތިން މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ، ޖުމްލަ 10 ޕޮއިންޓް އާއި ފައިދާ 09 ގޯލް އާއިއެކު ތާވަލްގެ އެންމެ ކުރިލިބިގެންނެވެ.
އެފް.ސީ.ތުނޑު ފައިނަލަށް ދަތުރުކޮށްފައިވަނީ އެއްމެޗުން މޮޅުވެ، އެއްމެޗުން ބަލިވެ، ދެމެޗު އެއްވަރުކޮށް، ޖުމްލަ 05 ޕޮއިންޓް ހޯދައި ފައިދާ ގޯލެއް އަދި ގެއްލުން ގޯލެއްވެސް ނެތި ތާވަލްގެ 02 ވަނަ ލިބިގެންނެވެ.