މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އަލަށް ތަޢާރަފްކުރެވުނު ޓެކްޓިކަލް ޔުނީފޯރމް މިއަދު ބޭނުންކުރަން ފަށައިފިއެވެ. މި ޔުނީފޯރމަކީ މިހާރު މި ސަރވިސް ގައި ބޭނުންކުރާ ވޯކިންގ ޔުނީފޯމާ ޚިލާފަށް މަސައްކަތު މާހައުލުގައި ބޭނުންކުރުމަށް ފަސޭހަވާނޭހެން ފަރުމާކުރެވިފައިވާ ޔުނީފޯމެކެވެ. މީގެ ސަބަބުން މަސައްކަތު މާޙައުލުގައި އުޅޭ އުޅުމުގައާއި ޚިދުމަތް ދިނުމުގައި އޮފިސަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޓެކްޓިކަލް ޔުނީފޯރމްގެ ކުލައަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކުލަ ކަމުގައިވާ އަޅިކުލައެވެ. މި ޔުނީފޯރމް ތަޢާރަފް ކުރުމަށްޓަކައި ޖަލުތަކުގައި މިއަދުވަނީ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތު ތަކުގައި ކޮމިޝަންޑް އޮފިސަރުންނާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ގިނަޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.
ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ޝަރަފްވެރިކޮށްދެއްވާފައިވާއިރު މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއެވެ. މިރަސްމިއްޔާތުގައި ޕްރިޒަން އޮފިސަރުންގެ އަޒުމް ކިޔުމާއި ކޮމިޝަނަރ އޮފް ޕްރިޒަންގެ ޚިތާބު އިއްވުން އޮތެވެ.