އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިފްތިތާޙް ކުރުމާއި ލޯގޯ ލޯންޗް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ލޯގޯ ލޯންޗްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، ލޯ އެންފޯސްމަންޓް ދާއިރާގެ ކޯސްތައް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް ގެ ފުރާޅުގެ ދަށުން ހިންގުމަށްޓަކައި ކުރައްވަންޖެހޭ ގިނަ މަސައްކަތްތައް މިހާރުވެސް ކުރައްވަމުންގެންދަވާ ކަމަށާއި، އެމަސައްކަތްތައް ނިމުމުން ޕްރިޒަންސް އޮފިސަރުންނަށް އިތުރު ތަމްރީނުތައް މި ދާއިރާގެ ތެރެއިން ލިބުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ.
އަދި ކޮމިޝަނަރގެ ވާހަކަފުޅުގައި ވޭތުވެދިޔަ ދުވަސްތަކުގައި ޕްރިޒަން އެކަޑަމީގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން، އޮފިސަރުން ކުރިއެރުވުމަށާއި އޮފިސަރުންނަށް އިތުރު ތަމްރީނުތައް ހޯއްދަވައި ދެއްވުމަށް ކުރެއްވި ބުރަ މަސައްކަތް ތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަކިން ހާއްޞަކޮށް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ޢާޞިފް ޕްރިޒަން އެކަޑަމީގެ ކޯސްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތައް ފަރުމާކުރެއްވުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތް ފާހަގަކުރައްވައި އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.
“މިއަންނަ 2016 ވަނަ އަހަރު އައިކޯސްޓް އިން ޑިޕްލޮމާ ލެވެލް ގެ ކޯސްތައް ފެށުމަށް މިދަނީ މަސައްކަތް ކުރަމުން”. ކޮމިޝަނަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް އިތުރަށް ވިދާޅުވީ މިހާރު ހިންގަމުންގެންދާ އެންޓްރީ ލެވެލް ޓްރެއިނިންގ ޕްރޮގްރާމް ސެޓްފިކެޓް ލެވެލްގެ ކޯހަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ލޯ އެންފޯސްމަންޓް ދާއިރާގެ އިތުރު ކޯސްތައް “އައިކޯސްޓް” މެދުވެރިކޮށް ހުރިހާ އޮފިސަރުންނަށް ހޯއްދަވައި ދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވަރަށް އަވަހަށް ފައްޓަވާނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.